logo

އަހަރުގެ މިހާތަނަށް ލޯނު ފައިސާގެ ގޮތުގައި 473 މިލިއަން ރުފިޔާ ދޫކުރެވިއްޖެ: މާރިޔާ

profile

އައިޝަތު އިނާޝާ - 19 ސެޕްޓެމްބަރު 2024 - 18:23

 ފޮޓޯ ރައީސް އޮފީސް

ފޮޓޯ ރައީސް އޮފީސް

ލޯނު ފައިސާގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 473 މިލިއަން ރުފިޔާ ދަރިވަރުންނަށް ދޫކުރެވިފައިވާ ކަމަށާއި މިހާރުވެސް ހުއްޓުމެއްނެތި ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިނިސްޓްރީގެ ވަސީލަތްތައް ހުރި މިންވަރަކުން، ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތައް މެދުކެނޑުމެއްނެތި، ދަރިވަރުންނަށް ލޯނު ފައިސާ ދިނުމަށް ދަނީ މަސައްކަތް ކުރަށްވަމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ނިންމަވާފައިވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ މުސްތަގްބަލަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި މިއަހަރު ލޯނު ދިނުމަށް 1300 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ހޮވިފައި ކަމަށެވެ.

މިދިޔަ އަހަރުވެސް ވަރަށް ގިނަ ދަރިވަރުންނަށް ލޯނު ދިނުމަށް އޮތީ ނިންމާފައިކަން ފާހަގަ ކުރަށްވަމުން މިނިސްޓަރު ވިދާޅުވީ އެދަރިވަރުންގެ ތެރެއިންވެސް ގިނަ ދަރިވަރުންނަށް ލޯނުގެ ފުރަތަމަ ޕޭމެންޓް ދިނުމުގެ މަސައްކަތް ވެސް ކުރަންޖެހުނީ މިސަރުކާރަށް ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މިދިޔަ އަހަރު ދަރިވަރުންނާއި މިއަހަރު ދަރިވަރުންނާއި އަދި ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލޯނުގެ ފައިސާ ކޮންމެ ހަމަހަކުން ހަމަހަކުން މިގެންދަނީ ދޫކުރަމުން ކަމަށެވެ.

މިއަހަރުގެ މިހާތަނަށް 473 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި. އަދި މިހާރުވެސް ހުއްޓުމެއްނެތި ލޯނު ދޫ ކުރުމުގެ މަސައްކަތްތައް ހަމަ ކޮންމެ ދުވަހަކު ދަނީ ކުރެވެމުންނެވެ. މިފައިސާ ޖަމާ ކުރެވިފައިވަނީ ކިޔަވާ ދަރިވަރުންގެ އެކައުންޓުތަކަށް. ނުވަތަ އެދަރިވަރުން އިހުތިޔާރުކޮށް އަންގާފައިވާ އެކައުންޓުތަކަށް. މިނިސްޓަރު ވިދާޅުވިއެވެ.

ލޯނު ދޭން ހުޅުވާލަނީ ވަކި ގައުމުތަކެއްގައި ކިޔެވޭ ގޮތައް ކަން ފާހަގަކުރަށްވަމުން މިނިސްޓަރު ވިދާޅުވީ އެހެންނަމަވެސް ދަރިވަރުން ބޭނުންވާނަމަ އެގައުމުތަކުގެ ތެރެއިން ގައުމެއްގައި ކިޔެވުމަށް ހިނގާ ހަރަދު އެހެންގައުމެއްގައި ކިޔަވަން ބޭނުންވިޔަސް ދޫކުރެވޭ ކަމަށެވެ.

ލޯނު ދޫކުރުމުގައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަން ފާހަގަކުރަށްވަމުން މިނިސްޓަރު ވިދާޅުވީ ލޯނު ދޫކުރުމުގެ ކަން ކަން މިހާރަށް ވުރެ ހަލުވި ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރަށްގީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

tel:+9607331319