logo

އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަޤުރީރު ކުރައްވާނެ

profile

އައިޝަތު އިނާޝާ - 19 ސެޕްޓެމްބަރު 2024 - 15:30

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ އދގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުންވެސް އދގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕަން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި އދގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.

މީގެއިތުރުން އދގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އދގެ އާންމު މަޖިލީހުގައި، ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައި، މި ސެޕްޓެމްބަރު މަހުގެ 22 އިން 23 އޮންނައިރު، ސަމިޓްގައި ހިމެނޭ އެހެން ޕްރޮގްރާމްތަކާއެކު އާންމު މަޖިލީހުގެ 79 ވަނަ ސެޝަން ސެޕްޓެމްބަރު މަހުގެ 27 އަށް ދެމިގެންދާނެއެވެ.


tel:+9607331319