logo

އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ލަސް ކަމަށް ވަޒީރު ގަބޫލެއް ނުކުރައްވާ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 ސެޕްޓެމްބަރު 2024 - 15:35

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  (ފޮޓޯ/ ރައީސް އޮފީސް)

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ފޮޓޯ/ ރައީސް އޮފީސް)

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ލަސްކަމަށް ގަބޫލުނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރަށް އެންމެ ފުރަތަމަ ހުށެހެޅި ބިލެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. އެ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮންނަތާ ތިން މަސް ދުވަސް ވެއްޖެ އެވެ.

އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ އިސްލާހުގެ މަސައްކަތާ ގުޅިގެން މިނިސްޓަރު ވާހަކަދެއްކެވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރާނީ މަޖިލީހުގެ އިޖުރާއަތުތަކުގެ ތެރެއިން ކަމަށްވާތީ، އެއީ ލަސްވެފަ އޮތް މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

" އެކަމެއް ލަސްވެފައިވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުގެ ތެރެއިން މަޖިލީހަށް ހުށަހެޅޭ ކަންތައްތައް ކުރިއަށްގެންދާނެ އެހެއްނޫންތޯ. " މިނިސްޓަރު ވިދާޅުވި އެވެ.

އެ އިސްލާހާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވީ، މިހާރު ބިލު ހުށައަޅާފައި އޮތް ގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މައްސަލައަށް މުޅިއެކު ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އެކަމަށް ގެންނަން ޖެހޭ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ ޒަކާތު ފަންޑުން ދޭން ނިންމި އެއް ލައްކަ ޑޮލަރުގެ އެހީގެ އެންމެ ފަހުގެ އަދާހަމަ ވެސް މިނިސްޓަރު ދެއްވި އެވެ. ފުރަތަމަ ފަހަރަށް ޒަކާތު ފަނޑުން ރާއްޖެއިން ބޭރަށް އެހީ ދޭން ނިންމައި، ގަތަރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެއް ލައްކަ ޑޮލަރު ދިނުމަށް ނިންމީ މިއަހަރުގެ އޭޕްރިލްގަ އެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، އެ އެހީ ފޯރުކޮށްދިނުން ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ، އެކަން ލަސްވެފައިވަނީ އިޖުރާއީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

" ގަތަރުގެ ސަރުކާރުން މިހާރު މިކަންތައްތައް ހަރުދަނާ ކޮށްފަ މި އޮންނަނީ އެގްރިމެންޓް މިކޮޅަށް ފޮނުވީމާ އަޅުގަނޑުމެން އެ އެގްރިމެންޓް އަޅުގަނޑުމެންގެ އޭޖީއަށް ފޮނުވާ އެބޭފުޅުންގެ ކޮމެންޓްސް ވެސް ނަގާ އަނެއްކާ އެ ކޮމެންޓުތައް އެކޮޅަށް ފޮނުވައި އެހެންމަ އެކަހަލަ އިޖުރާއީ ކަންތައްތަކާ ހުރެ ލަސްވީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ އިޖުރާއީ ކަންތައްތައް މިހާރު ފުރިހަމަކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ އެހީ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

tel:+9607331319