logo

ޕީޖީ އައްބާސް އަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ: ސަރުކާރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 ސެޕްޓެމްބަރު 2024 - 18:08

ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު

ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް މިއަދު އައްޔަނުކުރެވުނު އައްބާސް ޝަރީފަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއި އެކު މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފި އެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށް 85 މެމްބަރުންގެ ވޯޓާއި އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ، ދައުރުން ބޭރުން އިއްޔެގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. އެއާކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް އައްބާސް މިއަދު އައްޔަނުކުރައްވާފަ އެވެ.

ޕީޖީ ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒްގެ މަގާމުގައެވެ. ޕީޖީއަކަށް އައްޔަންކުރެވުނު އިރު މި ފަދަ މަޤާމެއްގައި އައްބާސް ހުންނެވުމުން، ސަރުކާރުގެ އެއްވެސް ނުފޫޒެއް އައްބާސްއަށް އޮވެދާނެތޯ، މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ކުރިން ޖޭއެސްސީ (ޖުޑިޝަލް ސާރވިސް ކޮމިޝަން ) އެކުލެވިފައިވާ ގޮތް މިސާލަކަށް ނަންގަވާފައެވެ. ހީނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި ޖޭއެސްސީގައި ތިއްބެވީ ވެރިކަން ކުރި އެމްޑީޕީގެ އިސްވެރިން ކަމަށެވެ. އެހެންކަމުން ޖޭއެސްސީއަށް އޭރުގެ ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ސުވާލު އުފެއްދިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޭރުގެ އެމްޑީޕީގެ ރައީސަކަށް ވެސް ހުންނެވީ އެމަނިކުފާނު. އަދި އޭގެ އިތުރުންވެސް އެމްޑީޕީގެ އިސް ސަފުގަ ހަރަކާތްތެރިވެވަޑައިގަންނަވާ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ހުންނެވި ހިސާން ޖޭއެސްސީ ތަމްސީލުކުރެއްވި. އެހެންމަ ޖޭއެސްސީގެ ކޮމްޕޮޒިޝަންއަށް ބައްލަވާލެއްވީމަ އަޅުގަނޑުމެންނަށް ތި ސުވާލު މިސާލަކަށް އެދޭހަވަނީތޯ ޖޭއެސްސީއަށް ނުފޫޒު ފޯރުއްވިއްޔޭތޯ. އެގޮތަށް މާނަކުރެވިދާނެ ދެއްތޯ؟ " ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އައްބާސް އަކީ ކުރިން ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް، އޭނާ މިހާރު އައްޔަނުކޮށްފައިވަނީ މިނިވަން މުސްތަގިއްލު މަގާމަކަށް ވާއިރު މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަހަލަ ނުފޫޒެއް އަދި ބާރެއްވެސް ނުފޯރުވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިނިވަން މުއައްސަސާތަކަށް ނުވަތަ މިގޮތަށް އައްޔަނުކުރެއްވޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ހަގީގަތަކީ މިނިވަންކަމާ އެކީގައި އެބޭފުޅުންގެ ދައުރު އަދާކުރެއްވޭނެ ބޭފުޅުން. އެކަމަކަށް ރައިސުލްޖުމްހޫރިއްޔާގެ އެއްވެސް ކަހަލަ އިންފްލުއެންސެއް ނުވަތަ އެއްވެސް ކަހަލަ ނުފޫޒެއް، އެއްވެސް ކަހަލަ ބާރެއް ނޯންނާނެ." ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އައްބާސްއަށް މިނިވަންކަމާއި އެކު މަގާމުގެ ޒިންމާތައް އަދާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

tel:+9607331319