logo

ހައުސިން މިނިސްޓްރީން ބްރިޖާ ހަވާލުވީ ފަހުން ބަދަލެއް ނުގެނޭ: ރައީސް މުއިއްޒު

profile

އާމިނަތު ޝަފާ - 30 އޯގަސްޓު 2024 - 23:10

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއުއިއްޒު

ސިނަމާލެ ބުރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރިފަހުން ބުރިޖަކަށް ބަދަލެއް ނާންނަ ކަމަށާއި ހުރިހާކަމެއްވެސް ކުރީ ދިން މައުލޫމާތާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރިޖުގެ އެއް ލޭނު މަދުވެގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އޭރު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ރައީސް ޑރ. މުއިއްޒަށް "ރޮވެންދެން ބަވައިލި" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ މީޑިއާއަކަށް އިތުރު ތަފްސީލްލު ދެއްވަމުން ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއަށް ރަސްމީކޮށް ހައުސިން މިނިސްޓްރީ ވައްދާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ނުވަތަ ނޮވެމްބަރުމަހުގެ ތެރޭގައި ކަމަށެވެ.

"އެންމެ ފުރަތަމަ ސިޓީއެއްވެސް ލިބުނީ 25 ސެޕްޓެމްބަރު 2014 ގައި. ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް ފޮނުވަނީ ސިޓީއެއް ކޮބައިކަން އިމްޕްލިމެންޓިން އެޖެންސީއަކަށް ކަނޑައަޅާފައިވާ ތަނަކީ. ފިޒިކަލީ ހިންގަން ހައުސިން މިނިސްޓްރީއަަށް ލިބޭގޮތަށް ކަނޑައެޅި މި ސިޓީގައި. އޭގެ ދޮޅުމަހެއް ފަހުން މަސައްކަތާ މިނިސްޓްރީން ހަވާލުވީ".

އޭގެ ކުރިން އެ މަޝްރޫއުގެ އެއްވެސްކަމެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކަމަކު ހައުސިން މިިނިސްޓްރީއާ ރަސްމީކޮށް މަސައްކަތް ހަވާލުކޮށް ޕްރީ ފީސިބިލިޓީ ސްޓޭޖާއި ، ފީސިބިލިޓީ ސްޓޭޖާއި، ކޮންސްޕްޓް ޑިޒައިނިންއާއި ޑީޓެއިލް ޑިޒައިނިންގެ މަރުހަލާތައް ދިޔައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

" އެންމެ ފުރަތަމަވެސް އަޅުގަނޑާ ހަވާލުވީ ހިސާބުން އޮތީ ކޮޅަކަށް 2 ލޭނު. ދެން ބައިސްކަލު ދުއްވަން ކަނޑައެޅި ބައި އެ އޮތީ ހިމަނާފައި. ހެވީ ވެހިކަލްތަކަށް މީޓަރެއްވަރު އިތުރުވި".

2014 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ނުވަތަ ނޮވެމްބަރުމަހުގެ ކުރިން ބުރިޖާ ބެހޭ އެެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މަސައްކަތް ނިންމާފައިވަނީ ކުރެހުމާ އެއްގޮތްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ މަސައްކަތް ނިމި ހުޅުވަން މަހަކަށް ވެފައިވަނިކޮށް ބުރިޖު ކޮމިޓީއަށް ހާޒިރުކޮށް ރައީސް ޔާމީން ވިދާޅުވީ ސައިކަލުތަކަށް ވަކި ލޭނެއް ނެތް މައްސަލަ ކަމަށެވެ.

"ހުުޅުވަން އެހާ ވަގުތު ކުޑަތަންވެފައިވަނިކޮށް މި ބަދަލު ގެނައުމަކީ ކުރެވޭނެކަމެއް ނޫން. ޕްރޮޖެކްޓް އޮތީ ނިމުމަކާ ގާތްވެފައި. ދެން ރައީސް ޔާމީން ވިދާޅުވީ ބައިސްކަލު ދުއްވަން ކަނޑައެޅިތަން ސައިކަލު ދުއްވަން ކަނޑައަޅަން".

ރައީސް ޔާމިން އެދިވަޑައިގެންނެވި ގޮތަށް އެކަން ކޮށްދިނުމަށް އެހާ ހިސާބުންވެސް މަސައްކަތް ކޮށްދިން ކަމަށާއި ނަމަވެސް އެ ލޭނު އޮތީ ބައިސްކަލު ދުއްވަން ހާއްސަކުރެވިފައިކަމުން އެކަން ވާގޮތް ނުވީކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސީދާ ޗައިނާ ސަރުކާރާވެސް މަޝްވަރާ ކުރެވުނު ކަމަަށާއި ނަމަވެސް އޭރު މާ ބޮޑަށް ލަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އެންގިން މިހާ ކުޑަތަންވީމައި ބަދަލެއް ނުގެނެވޭނެއޭ. އޭރު އޮތީ ހުޅުވާ ތާރީހުވެސް ކަނޑައަޅާފައި. ދެން ބުރިޖު ކޮމިޓީއަށް ހާޒިރުކުރީ . ވިދާޅުވީ ބުރިޖު ނުހުޅުވޭނެއޭ ސައިކަލަށް ވަކި ލޭނެއް ނެތީސް. އޭރުން އެކްސިޑެންޓްތައް ގިނަވާނެއޭ".

މަސައްކަތް ހަވާލުވީފަހުން އެއްވެސް ބަދަލެއް ގެނެސްފައިނުވާނެކަމަށް އެ ކޮމިޓީގެ ބައްދަލުވުމުގައިވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެެއްބަހެއްނުވި ހުޅުވާކަށް . ވިދާޅުވީ ބުރިޖު ހުޅުވުން ލަސްކުރާށޭ. އަޅުގަނޑަކަށް ނޭނގޭ ކިތައް ފަހަރުކަމެއް ޗައިނާ ސަފީރު ކައިރިއަށް ދެވުނީ. ވަކި ގޮތަކަށް ޕްރޮޖެކްޓްތައް ހުންނާނީ. ނުލާހިކު ފުރިހަމައަށް މަސައްކަތް ނިމުނީ. ދެން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރި".

ރައީސް ޔާމީންގެ އެ އަމަލުފުޅުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އެވަރުންވެސް ދޫނުދޭ ކަމަށާއި ފަހުންވެސް ފޯނުން ގުޅައި ދެ ގައުމުގެ ގުޅުން ގޯސްވާނެކަމަށް ވިދާޅުވެ އެމަނިކުފާނުގެ މަސައްކަތް ތަފްސީލުކޮށް ކިޔާދެއްވައި ނިންމުން ބަދަލުކުރުމަށް އެދިލެެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

"ފަހުން ނިންމުން ބަދަލުކުރައްވައިފި. ވިދާޅުވީ މައްސަލައެއް ނެތޭ. އޮތް ގޮތަށް ކުރިއަށް ގެންދާށޭ. ސްޕީޑް ބުރޭކާސް ލާފައި ކުރިއަށް ގެންދާށޭ. ދެން އިތުރުކަމެއް ނުހިނގާ".

3 އަހަރާއި 11 މަހުގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ހުޅުވާލީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އުމްރާނީ މަސައްކަތެވެ. ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ މިބްރިޖްގެ ސަބަބުން ދިވެހީންގެ ދިރުއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއަށް ވަނީ އިންގިލާބީ ބަދަލެއް ގެނެސްދީފައެވެ. އަދި މިއީ ދިވެހިރާއްޖެގެ އިޤްތިސާދު ކުރިއަރުވަން ލިބުނު ބޮޑު ބާރަކަށް ވަނީ ވެފައެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

ސިނަމާލެ ބުރިޖަށް 6 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރިޖަކީ ފާހަގަކޮށްލެވޭ އިންޖިނިއަރިންއެއް ކަމަށާއި އެ ތަނަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެ ބްރިޖުން ރާއްޖެ އާއި ޗާއިނާއާ ދެމެދު އޮތް އިތުބާރާއި ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ކަމަށެވެ. އަދި ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަކާއި ކުރިއެރުމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ސިނަމާލެ ބްރިޖަށް މިއަދު 6 އަހަރު ފުރުނުއިރު، މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒެކެވެ.

tel:+9607331319