ރާއްޖޭގެ މާލީ އާރކިޓެކްޗާ މިހާރު އޮތް ގޮތުން ރާއްޖޭގެ ޒަރޫރީ ބޭނުންތައް ނުއުފުދޭތީވެ އަވަސް ތިން ފިޔަވަޅެއް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލެއްވީ ސިޑްސްގެ ލީޑާރސް ސަމިޓްގެ ސީއޯޕީގެ 29 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ އެބްސްޓްރެކްޝަން އެއް ނޫން ކަމަށާއި އެއީ އަހަރުތަކެއް ވަންދެން ތަރައްޤީގެ ފައިދާތައް ގިރާކޮށް، އެންމެ މިނެޓެއްގެ ތެރޭގައި އަޅުގަނޑުމެން އަނބުރާ "ސްކުއެރ ވަން" އަށް ދަމައިގަންނަ ބާރެއް ކަމަށެވެ.
މިއަހަރުގެ ސީއޯޕީގެ ތީމް "އިން ސޮލިޑަރިޓީ ފޯ އަ ގްރީން ވޯލްޑް" އިން ޑިމާންޑް ކުރަނީ އެއްބައިވަންތަކަމަށް ވުރެ މާ ބޮޑު ކަމެއް ކަަމަށެވެ. މި ތީމް ޑިމާންޑްކުރަނީ ޓްރާންސްފޯމޭޝަންއަށެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަށް އިގްތިސާދީ ތަފާތުކުރުމަކީ ކުރިއަށް އޮތް މަގެއް ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ އިޤްތިޞާދު ބަދަލުކުރަމުން – ބަނދަރުގެ ޚިދުމަތްތަކާއި ޚާއްޞަ އިޤްތިޞާދީ ޒޯންތައް ފުޅާކޮށް، އަޅުގަނޑުމެންގެ ފުރަތަމަ ތަރައްޤީގެ ބޭންކް ޤާއިމުކޮށްގެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާބަން ޑިވެލޮޕްމެންޓް ބަދަލުކުރަމުން އަންނަ ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދެމިއޮންނަ ހައްލެއް، އަދި އިގްތިސާދީ ތަނަވަސްކަމުގެ ހަބެއް ކަމަށްވާ ގްރީން-އިކޯ-ސިޓީ ރަސް މާލޭ’ އަށް އިންވެސްޓްކޮށްގެން ހޯދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ އުފެއްދުން ބަދަލުކުރާނެކަމަށެވެ.
1.5 "ބިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާނެ ކަމަށް ލަފާކުރެވޭ އަޅުގަނޑުމެންގެ އާ އެނާޖީ ޕޮލިސީއާއި ރޯޑްމެޕަކީ، ލޯ ކާބަން އިޤްތިޞާދަކާ ދިމާއަށް ދިއުމަށް އަޅުގަނޑުމެން ކުރާ ޚިދުމަތްތެރިކަމުގެ މައްޗަށް އަލިއަޅުވާލާ އެއްޗެކެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސިޑްސް އަށް ކޯޑިނޭޓްކޮށް ސަޕޯޓް ދިނުމުގައި އަމިއްލަ ފަރާތްތައް އެއްބައިވަންތަވާން ޖެހޭ ކަމަށް ގޮވާލައްވާފައެވެ.
ޕާޓްނަޝިޕްތައް އުފެއްދުމަކީ ރިސްކްތައް ކުޑަވެ، އިންވެސްޓްމަންޓްތަކަށް ސިޑްސްއަށް ޝައުގުވެރިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭނުންވަނީ އާ އިނޮޓޭޓިވް މާލީ ހައްލެއް ކަމަށާއި ރާއްޖޭގެ ނާޒުކުކަން އަތުލައިގަނެވޭނީ ލިބޭ އާމްދަނީގެ މިންވަރުން ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ޚަރަދުކުރަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކަށްވުރެ ދަރަނި އަނބުރާ ދެއްކުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވަނީ ކޮންވެންޝަނަލް ކްރެޑިޓް ރޭޓިންގް މެތޮޑޮލޮޖީތަކާ ގުޅިފައިވާ ލޯނު ނެގުމުގެ ބޮޑު ހަރަދުތަކެއް ކަމަށާއި މިކަމަށް ބަދަލެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސީއޯޕީ29 އިން މުހިންމު ނަތީޖާއެއް ނެރެންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ޕެރިސް އެއްބަސްވުމުގެ 6.4 ވަނަ މާއްދާގެ ދަށުން އާ އޮޕަރޭޝަނަލް ސްޓޭންޑަޑްތައް ތައާރަފްކޮށްފައިވާއިރު، އަޅުގަނޑުމެން ނިންމަންޖެހޭނީ ތިމާވެށީގެ ނަޒާހަތްތެރިކަން ދެމެހެއްޓޭ ބައިނަލްއަޤްވާމީ ކާބަން މާކެޓް މެކޭނިޒަމްގެ މަޝްވަރާތައް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކާބަން މާކެޓްތަކަކީ ވިޔަފާރީގެ ނިޒާމުތަކަށްވުރެ މާ ބޮޑު މާކެޓްތަކަކަށް ވާންޖެހޭ ކަމަށެވެ.