logo

މުލީއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަނީ

profile

ޒިދާން މުޙައްމަދު - 18 ނޮވެމްބަރު 2024 - 19:45

ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، އެ ތަން "ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެއެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލު ކުރެއްވުމެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މުލީއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު، ޒުވާނުންގެ ތަރޑް ސްޕޭސް މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޒުވާނުންނަށް ޚާއްޞަ "ތާރޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ.

އެގޮތުން މި ތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ.

"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ޚާއްޞަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ޞިއްޙަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވެއެވެ.


https://int.etukuri.mv/
tel:+9607331319