logo

20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލަނީ

profile

ޒިދާން މުޙައްމަދު - 17 ސެޕްޓެމްބަރު 2024 - 17:25

ރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް ޑރ. މުއިއްޒު މިކަން ހާމަކުރައްވާފައި ވަނީ މިކަމާގުޅޭ ގޮތުން ވީޑިއޯ މެދުވެރިކޮށް މަޢުލޫމާތު ދެއްވަމުންނެވެ.

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މިޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ޕްލޭނަކީ ރައީސް ޑރ. މުއިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ޚާއްޞަކޮށް މި ޕްލޭނަށް ޤާނޫނެއްވެސް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ޤައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޤައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ޕްލޭން ހެދުމަކީ ރައީސް ރިޔާސީ ކެމްޕޭން ތެރޭގައި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްޤީގެ ވަޢުދެކެވެ.

tel:+9607331319