logo

އިސްރާއީލުން ގަބޫލުކުރަނީ ރޭގެ ހަމަލާގައި ހަސަން ނަސްރުﷲ އަވަހާރަކޮށްލެވުނު ކަމަށް

profile

ސައިފް އަޒުހަރު - 28 ސެޕްޓެމްބަރު 2024 - 12:29

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މެދުތެރެއަށް ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ހިޒްބުﷲގެ ލީޑަރ އަދި ސެކްރެޓަރީ ޖެނެރަލް ޝައިޚް ހަސަން ނަސްރުﷲ އަވަހާރަ ކޮށްލެވުނު ކަމަށް އިސްރާއީލުން ވަރަށް ބޮޑަށް ގަބޫލު ކުރަމުން އެބަގެންދެއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ގަލަންޓުގެ ސީދާ ބެލުމުގެ ދަށުން، އިސްރާއީލު ސިފައިން ދިން ކުއްލި ވަރުގަދަ ހަމަލާގައި، ބެއިރޫތުގެ މެދުތެރޭގައި ހުރި އުސް 4 އިމާރާތެއް ބިމާހަމަކޮށްލިއެވެ.

އިސްރާއީލުން ބުނެފައިވަނީ، އެމީހުން ހަމަލާދިނީ ބެއިރޫތުގެ މެދުތެރޭގައި ހުންނަ ހިޒްބުﷲގެ މަރުކަޒީ ކޮމާންޑު ސެންޓަރަށް ކަމަށެވެ.

އަދި ހަމަލާދިން ވަގުތު އެތަނުގައި ހަސަން ނަސްރުﷲ ހުންނެވިކަމަށްވެސް އިސްރާއީލުގެ އަސްކަރީ މަސްދަރުތަކުން ޔަގީންކަމާއެކު ގަބޫލުކުރާ ކަމަށް އިސްރާއީލުގެ ނޫސްތަކުން ބުނެއެވެ.

އަދި ހަސަން ނަސްރުﷲ ރޭގެ ހަމަލާއިން ސަލާމަތް ވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނޭ ކަމަށް އަސްކަރީން ބުނާކަމަށްވެސް އިސްރާއީލުގެ މީޑިއާއިން ބުނެއެވެ. އެހެންވެ، ހަސަން ނަސްރުﷲ އަވަހާރަ ކޮށްލެވުނުކަން އިސްރާއީލުން މިހާރު ޔަގީންކުރަމުންދާ ކަމަށް ވެއެވެ.

އެހެން ނަމަވެސް، ލުބުނާނުގެ ނުފޫޒުގަދަ ހިޒްބުﷲއިން އެ ޖަމާއަތުގެ ލީޑަރާ ގުޅޭގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

އިސްރާއީލުން ރޭގައި 12 ގަޑިއިރު ވަންދެން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައި ވެއެވެ.

އަދި މިއަދުގެ ވަރަށް ހެނދުނާ އަނެއްކާވެސް އިސްރާއީލުގެ ޖެޓުތަކުން ގެންދަނީ ބެއިރޫތުގެ ދެކުނަށް ވަރުގަދައަށް ބޮންއަޅަން ފަށާފައެވެ.

އެކަމާހެދި، މީހުން ސަލާމަތްކުރާ ޓީމުތަކަށްވެސް ގާތްނުވެވި ރޭގެ ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި މީހުންގެ އަދަދުތަކެއްވެސް އަދި ސާފު ނުވާ ކަމަށް ލުބުނާނުން ލިބޭ ރިޕޯޓްތައް ބުނެއެވެ.

https://int.etukuri.mv/
tel:+9607331319