logo

ލީޑަރު ހަސަން ނަސްރުﷲ އަވަހާރަވެފައިވާކަން ހިޒްބުﷲއިން ކަށަވަރު ކޮށްދީފި

profile

ސައިފް އަޒުހަރު - 28 ސެޕްޓެމްބަރު 2024 - 18:40

އިސްރާއީލުން ރޭގައި ބެއިރޫތަށް ދިން އުދުވާނީ ހަމަލާގައި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު އަދި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އައްސައްޔިދު ހަސަން ނަސްރުﷲ އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރު ކޮށްދީފިއެވެ.

ހިޒްބުﷲއިން މިކަން ކަށަވަރު ކޮށްދިނީ އެ ޖަމާއަތުން ނެރުނު ބަޔާނެއްގައެވެ.

އިސްރާއީލުގެ އަސްކަރީ ވެރިން މިއަދު ބުނަމުން ގެންދިޔައީ، ރޭގެ ހަމަލާއަކީ ހަސަން ނަސްރުﷲ އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށާއި، އެ ހަމަލާގައި އޭނާ އަވަހާރަ ކޮށްލެވިފައިވާކަން ކަށަވަރުވާ ކަމަށެވެ.

ބެއުރޫތަށް ރޭ ހަމަލާދިނުމަށް އިސްރާއީލުން ބޭނުންކޮށްފައިވަނީ "ބަންކަރ-ބަސްޓަރ" ބޮންތަކެވެ. އެއީ، ބޮން އަމާޒުވާ މުޅި އިމާރާތް، ބިމުއަޑީގައި ބިންގަރާހެއް ހުރިނަމަ އެ ތަނަކާއެކު ސުންނާފަތިކޮށްލާ ބާވަތުގެ ބާރުގަދަ ބޮންތަކެވެ. އޭގެ ގިނަ އަދަދެއްގެ ބޮން އިސްރާއީލުން ބޭނުންކުރިއެވެ.

ނަމަވެސް، ހިޒްބުﷲއިން މިއަދު ހަވީރާ ހަމައަށް އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ހަސަން ނަސްރުﷲއާ މުއާސަލާތީ ގުޅުން ކެނޑިފައިވާތީ ހިޒްބުﷲގެ ކޮމާންޑަރުންގެ މެދުގައި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ދިޔައީ ބުނަމުންނެވެ.

ހިޒްބުﷲއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލީޑަރު އަވަހާރަ ކޮށްލި ނަމަވެސް، ޣައްޒާއާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދުޝްމަނާ ދެކޮޅަށް ކުރާ ޖިހާދު ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ހަމަ އެއާއެކު، ލުބުނާނުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނޭކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.

ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ފަލަސްތީނުގެ ހަމާސްއިން އެކަމާ ހިތާމަ ފާޅުކޮށްފައިވާއިރު، އިރާގު ސަރުކާރުންވަނީ ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާން ކޮށްފައެވެ. އިރާގުގެ ބޮޑުވަޒީރު ވިދާޅުވީ، ޒަޔަނިސްޓު އިސްރާއީލު ޖަރީމާތަކުގެ ހުރިހާ ރަތްރޮނގެއް ހުރަސްކޮށްފައިވާ ކަމަށެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ހަސަން ނަސްރުﷲ ފެށްޓެވި ޖިހާދު ހުއްޓާނުލާ ކުރިއަށްދާނެ ކަމަށާއި، އެ މަސައްކަތް ހުއްޓާލާނީ ގުދުސް މިނިވަން ކުރުމަށްފަހުގައި ކަމަށެވެ.

އިސްރާއީލުން ބުނެފައިވަނީ، ހަސަން ނަސްރުﷲ އަވަހާރަ ކޮށްލެވުމުން "ދުނިޔެ ރައްކާތެރިވެއްޖެ" ކަމަށެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ގަލަންޓް ބުނީ، މިއީ އިސްރާއީލުގެ މުޅި ތާރީޚްގައިވެސް ހޯދުނު ވަރަށް ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

ލީޑަރު އަވަހާރަ ކޮށްލުމުން ހިޒްބުﷲގެ ފަރާތުން އަދި ސަރަހައްދުގެ އެހެން ގައުމުތަކުން އިސްރާއީލަށް އަތުވެދާނެ ނުރައްކަލެއް އަދި އަންދާޒާ ކޮށްލަންވެސް ނޭނގޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ.

https://wamco.com.mv/
tel:+9607331319