logo

ސަޖިތު ޕްރެމަދާސާ ބޮޑުވަޒީރުކަމަށް ގެނައުމަށް އިދިކޮޅު ބައެއް ފަރާތްތަކުން މަސައްކަތް ފަށައިފި

profile

ސައިފް އަޒުހަރު - 28 ސެޕްޓެމްބަރު 2024 - 19:32

ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސާ: ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް އަދި ފާޅުނުކުރައްވާ:

ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސާ: ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް އަދި ފާޅުނުކުރައްވާ:

ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީ، ސަމަގި ޖަނަ ބަލަވެގަޔަ (އެސްޖޭބީ) ގެ ލީޑަރު ސަޖިތު ޕްރެމަދާސާ ބޮޑުވަޒީރުކަމަށް ގެނައުމަށް ސްރީލަންކާގެ އިދިކޮޅު ބައެއް ފަރާތްތަކުން މަސައްކަތް ފަށައިފިއެވެ.

މިކަމުގައި އިސްކޮށް އުޅުއްވަނީ މަގާމު ގެއްލިވަޑައިގެންނެވި ރައީސް ރަނިލް ވިކްރަމަސިންހައެވެ.

އެގޮތުން، މިމަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރަނިލް ވިކްރަމަ ސިންހައަށް ތާއީދު ދެއްވި، މިހާރުގެ ޕާލަމެންޓްގެ ގިނަ މެމްބަރުންވަނީ، ސަޖިތު ބޮޑުވަޒީރުކަމަށް ގެނައުމަށް ތާއީދުދޭން ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން އިދިކޮޅު މެމްބަރުން މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައި ވާއިރު، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކުރީގެ ރައީސް ރަނިލްއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މީޑިއާއާ ވާހަކަ ދައްކަވަމުން ކުރީގެ ގަވަރްނަރ ނަވިން ވިދާޅުވީ، ރަނިލްގެ ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއި، އެސްޖޭބީ އެކުގައި މަސައްކަތް ކޮށްފިނަމަ އާންމު އިންތިޚާބުގައި ނޭޝަނަލް ޕީޕަލްސް ޕަވަރއަށްވުރެ ގިނަ ވޯޓު ހޯދޭނޭ ކަމަށެވެ.

ނޭޝަނަލް ޕީޕަލްސް ޕަވަރއަކީ، ސިޔާސީ އެތައް ޕާޓީއަކާއި، ޖަމާއަތްތައް ހިމެނޭ އިއްތިހާދެކެވެ. އެ އިއްތިހާދުގެ ލީޑަރަކީ ސްރީލަންކާގެ މިހާރުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ބަލިކުރެއްވުމަށް ފަހުގައެވެ.

ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ތާއީދުދޭން އިދިކޮޅު މެމްބަރުން ނިންމި ނަމަވެސް، އެކަމާ ގުޅޭގޮތުން ސަޖިތުވެސް އަދި އޭނާގެ ޕާޓީންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.

ސްރީލަންކާގެ އާންމު އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އާންމު އިންތިޚާބުގައި ޕާލަމެންޓުގެ ގޮނޑިއަކަށް ވާދަ ނުކުރައްވަން ކުރީގެ ރައީސް ރަނިލްވަނީ ނިންމަވާފައެވެ. އެހެންވެ، އޭނާ ތާއީދު ދެއްވާނީ ސަޖިތުއަށް ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިދިކޮޅު ގިނަ ފަރާތްތަކުން ގެންދަނީ ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާ ގުޅިގެން ބިޔަ ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެކަމުގައި އިދިކޮޅު ލީޑަރު ސަޖިތުގެ ޕާޓީއާ ވާހަކަ ދައްކަން ބޭނުންވާ ކަމަށާއި، ބޭނުމަކީ ސަޖިތު ބޮޑުވަޒީރުކަމަށް ގެނައުން ކަމަށްވެސް ބުނެއެވެ.

ސަޖިތު ޕްރެމަދާސާއަކީ 1989 އިން 1993 އަށް ސްރީލަންކާގައި ރައީސްކަން ކުރެއްވި ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުންނެވެ. ބައްޕާފުޅު ވެރިކަމުގައި ހުންނަވަނިކޮށް 1993 ވަނަ އަހަރުވަނީ އަވަހާރަ ކޮށްލާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ބޭފުޅަކު އިންތިޚާބު ކުރަނީ ސްރީލަންކާގެ ޕާލަމެންޓުންނެވެ. އެ އެކަން ކުރަނީ ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ނުވަތަ ކޯލިޝަނަކުންނެވެ.

ސްރީލަންކާގެ ވެރިކަމުގެ ނިޒާމަށް ފަހުން ގެނައި ބަދަލުގައި، ސަރުކާރު ހިންގުމަށް ބޮޑުވަޒީރެއް ހުންނެވި ނަމަވެސް، ސަރުކާރު ހިންގެވުމުގައި ރައީސަށް ބޮޑެތި ބާރުތައް ލިބިދީފައި ވެއެވެ. ކެބިނެޓް އެކުލަވާލުމުގެ ބާރުވެސް އޮންނަނީ ރައީސަށެވެ.

https://wamco.com.mv/
tel:+9607331319