logo

އެއާޕޯޓް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެ

profile

އާމިނަތު ޝަފާ - 21 ސެޕްޓެމްބަރު 2024 - 16:57

ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އިންޓަނޭޝަނަލް އެއާޕޯޓް

އޯގަސްޓް މަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް އެއާޕޯޓު ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވަނީ 1.5 ބިލިއަން ރުފިޔާލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 143 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.

އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް 98 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް 674 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 693 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ޑިޕާޗާ ޓެކުހަކީ ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ބޭރަށް ދަތުރު ކުރާ ހުރިހާ ފަސިންޖަރުންގެ އަތުން ނަގާ ފީއެކެވެ.

މި ޓެކްހުގެ ގޮތުގައި ނަގަނީ ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 60 ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރެވެ.

އަދި ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރު ދަނީ ނަގަމުންނެވެ.

ޑިޕާޗާ ޓެކުހުގެ ގޮތުގައި 1 ބިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 1 ބިލިއަން ރުފިޔާ މިއަހަރު ލިބޭނެކަމަށް ދައުލަތުން އަންދާޒާކުރެއެވެ.


tel:+9607331319