logo

ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތް ހަދައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 ސެޕްޓެމްބަރު 2024 - 23:14

މީރާގެ ޓެކްސް ޕޭޔާރ ސާރވިސް ސެންޓަރ

މީރާގެ ޓެކްސް ޕޭޔާރ ސާރވިސް ސެންޓަރ

ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުން އެމެރިކާ ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާގޮތުން، އެ ވިޔަފާރިއެއްގެ "ފަންކްޝަނަލް ކަރަންސީ" އަކީ ދިވެހި ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއްނަމަ، އެ ފަރާތެއްގެ "ޕްރެޒެންޓޭޝަން ކަރަންސީ" ވާންޖެހޭނީ އެމެރިކާ ޑޮލަރަށް ކަމަށެވެ.

ފަންކްޝަނަލް ކަރަންސީއަކީ، ކުންފުނިން ވިޔަފާރިކުރުމުގައި ބޭނުންކުރާ ފައިސާ އެވެ. ޕްރެޒެންޓޭޝަން ކަރަންސީއަކީ މާލީ ބަޔާންތައް ތައްޔާރުކުރާއިރު ބޭނުންކުރާ ފައިސާ އެވެ.

އެ ގަވާއިދުގައި ބުނެފައިވާގޮތުން އެ ފަރާތެއްގެ ޕްރެޒެންޓޭޝަނަލް ކަރަންސީއަކީ ރުފިޔާ ނަމަ، މީރާއަށް ރުފިޔާއިން ނުވަތަ ޑޮލަރުން ވެސް ޓެކްސް ދެއްކިދާނެ ކަމަށެވެ. ޑޮލަރުން ޓެކްސް ދައްކާނަމަ ޓެކުހުގެ އަދަދު ރުފިޔާއިން ޑޮލަރަށް ބަދަލުކުރާނީ 15. 42 ރުފިޔާ އަކީ 1 ޑޮލަރުގެ ޜޭޓުން ބަލައިގެން ކަމަށެވެ.

އެކަމަކު ކުންފުންޏަށް އާމްދަނީ ލިބެނީ ބޭރު ފައިސާއިން ނަމަ، މީރާއަށް ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ބުނެފައިވެއެވެ.

މި އިސްލާހަށް މި ހިނގާ އޮކްޓޯބަރު 31 ގައި ނުވަތަ އެ ތާރީހުގެ ފަހުން ނިމޭ މުއްދަތުތަކަށް ފައިސާ ދެއްކުމުގައި އަމަލުކުރަން ޖެހޭނެ ކަމަށް މީރާއިން ބުނެފައި ވެއެވެ.

ގަވާއިދަށް ގެނެސްފައިމިވާ އިސްލާހަކީ ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދިވެހި ރުފިޔާއިން ޓެކްސް ދައްކަން ޖެހޭ ގޮތަށް މީގެކުރިން އޮތް އޮތުން ބަދަލުކުރީ ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލްގެ ކާޑުތަކަށް ދީފައިވާ ލިމިޓްތަކަށް ބަދަލު ގެނައުމަށް އޭރު ނިންމުމާ ގުޅިގެން ނެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ، ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތް ހެދުމުގެ އިތުރުން ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަނަށް ވެސް ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ޕެންޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

tel:+9607331319