ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތަކުގެ ބޮޑު ބައި ހިއްސާކުރަނީ ޗައިނާ އިން ކަމަށް އޮޑިޓު ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
2024- 2026 އަށް ކަނޑައަޅާފައިވާ މެދު ރާސްތާގެ ޑެޓް ސްޓްރެޓެޖީއާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ރިޕޯޓުގައި ކުރިއަށް އޮތްތަނުގައި ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނިތައް ގިނަކަން ފާހަގަކޮށް ބުނެފައިވަނީ އޭގެ ސަބަބުން ޑޮލަރު ރިޒާވް ހީނަރުވެ، ދަރަނި ދައްކަން ހޭދަ ކުރާ ވަރު ބޮޑުވެގެންދާނެ ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތަކަށް ބަލާލާއިރު 2022 ގެ ޑިސެމްބަރުގެ ނިޔަލަށް ޖުމްލަ ދަރަނީގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ އިން ނެވެ. އެ ބޭންކުން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ ދަރަނި 27 އިންސައްތަ ހިއްސާކުރެ އެވެ.
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ލޯނެއް ދޫކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ހުޅުމާލޭގައި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއަކަށެވެ. އޭގެ ފަހުން އެ ބޭންކުން ދެން ރާއްޖެއަށް ލޯނެއް ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ސިނަމާލެ ބްރިޖުގެ މަޝްރޫއު އަށް 2016 ވަނަ އަހަރުގަ އެވެ.
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ދޫކޮށްފައިވާ ލޯންތަކުގެ ތަފްސީލް:-
- 2010: ހުޅުމާލޭގައި 100 ހައުސިން ޔުނިޓު އެޅުމަށް 481,000,000 ޗައިނީޒް ޔުއާން
- 2012: ރާއްޖޭގައި 1500 ހައުސިން ޔުނިޓު ތަރައްގީކުރުމަށް 982,500,000 ޗައިނީޒް ޔުއާން
- 2015: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް
373,838,500 އެމެރިކާ ޑޮލަރު
- 2016: ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓަށް 455,600,000 ޗައިނީސް ޔުއާން
ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ނިސްބަތުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ އަށް ދައްކަން ޖެހޭ ލޯނުތައް 2027ގެ ނިޔަލަށް 13 އިންސައްތަ އަށް ކުޑަވާނެ ކަމަށް އޮޑިޓު ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް، ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ނިސްބަތުން އެގްޒިމް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނުތައް 48 އިންސައްތަ އަށް އަރައިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެއް ކްރެޑިޓަރަކަށް ދައްކަން ޖެހޭ ލޯނުތައް ޖުމްލަ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރުމުން، ދައުލަތުގެ ޑެޓް ޕޯޓްފޯލިއޯ ބިނާވާނީ އެ ކްރެޑިޓަރާއި ސަރުކާރާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. އެހެންކަމުން، ކްރެޑިޓަރުގެ ޝަރުތުތަކަށް އަންނަ ބަދަލާ އެކު ދަރަނި މެނޭޖްކުރަން އުނދަގޫވެދާނެ ކަމަށް ރިޕޯޓުގައި ވެ އެވެ.
ކްރެޑިޓަރުންނަށް އަންނަ ބަދަލުތައް:
2023
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ: 22%
- އެގްޒިމް ބޭންކް އޮފް އިންޑިއާ: 14%
2024:
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ: 19%
- އެގްޒިމް ބޭންކް އޮފް އިންޑިއާ: 18%
2025:
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ: 17%
- އެގްޒިމް ބޭންކް އޮފް އިންޑިއާ: 21%
2026:
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ: 15%
- އެގްޒިމް ބޭންކް އޮފް އިންޑިއާ: 45%
2027:
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ: 13%
- އެގްޒިމް ބޭންކް އޮފް އިންޑިއާ: 13%
2027 ގައި ދަރަނީގެ ބޮޑު ބައި ހިއްސާކުރާ ކްރެޑިޓަރުންނަށް އަންނަ ބަދަލާ އެކު ވެސް ދަރަނި ދެއްކުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން ދަރަނި ދައްކަން ކުރާ ހޭދަ ބޮޑުވާނެކަން ފާހަގަކޮށް އޮޑިޓުގައި ބުނެފައިވަނީ އެއް ކްރެޑިޓަރަކަށް ދައްކަން ޖެހޭ ދަރަނީގެ ނިސްބަތް ބޮޑުވުމުން ވެސް "ފޭވަރަބްލް ޓާމްސް" ގައި ދަރަނި ދެއްކުމަށް ސަރުކާރަށް ދަތިވާނެ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ބޭރު ފައިސާ އިން ދައްކަން ޖެހޭ ދަރަނީގެ ނިސްބަތް 2021
ވަނަ އަހަރު 50 އިންސައްތައިން މައްޗަށް ދިޔައެވެ. ޖެހިގެން އައި އަހަރު
އަހަރު އެކެއް އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. 2022 ވަނަ އަހަރު ދަރަނީގެ ނިސްބަތް
އެކެއް އިންސައްތައިން ދަށަށް ދިޔައީ، އެ އަހަރު ސަނީ ސައިޑް ބޮންޑު ދެއްކުމާއި ޕަބްލިކް
ބޭންކް އެކައުންޓުން 4.3 ބިލިއަން ރުފިޔާ އޯވާ ޑްރާފްޓުކުރުމުގެ ސަބަބުން ނެވެ. ދަރަނީގެ
ނިސްބަތް ކުޑަވި ނަމަވެސް 2023 އިން 2025 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް
ހާސިލުނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
2025 އާއި 2026 ގައި ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނިތައް ވެސް ހިމެނޭކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2026 ގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަކާއި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑެކެވެ.
މިކަންކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ބޭރު ފައިސާގެ އަގު ހިފެހެއްޓުމަށާއި، ދަރަނި ދައްކަން ކުރާ ހޭދަ އާމްދަނީ އަށް ވުރެ އިތުރުވެ، "ފޭވަރަބްލް ޓާމްސް" ގައި ލޯނު ހޯދަން ސަރުކާރަށް ހުރި ހުރަސްތައް އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެ، އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން ނެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމަށް ބަދަލު ގެނެސް، ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރު ހިފެހެއްޓުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.