logo

ޣައްޒާ، ޔޫކްރެއިން ހަނގުރާމަ ހުއްޓުވޭނީ ވާހަކަ ދައްކައިގެން: ޗައިނާގެ ދިފާއީ ވަޒީރު

profile

ސައިފް އަޒުހަރު - 13 ސެޕްޓެމްބަރު 2024 - 18:07

ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ޖުން, ޒިއަންގްޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގްރީރު ކުރައްވަނީ:

ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ޖުން, ޒިއަންގްޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގްރީރު ކުރައްވަނީ:

ޣައްޒާ ހަނގުރާމައާއި، ޔޫކްރެއިން ހަނގުރާމަ ހުއްޓުވެންއޮތް ހަމައެކަނި މަގަކީ، ސުލްހަ ހޯދުމުގެ ވިސްނުމުގައި ވާހަކަ ދައްކައިގެން ހައްލު ހޯދުން ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިފާއީ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ 11 ވަނަ ބެއިޖިންގް ޒިއަންގްޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ތަގްރީރު ކުރައްވަމުން ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ޖުން ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާއި އަދި އެނޫންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން ކުރަންއޮތް ކަމަކީ، ވާހަކަ ދައްކައި މަޝްވަރާކޮށް ސުލްހަވެރި މަގުން އެކަން ހައްލުހޯދުން ކަމަށެވެ.

ސުލްހަ އިސްކޮށް، މަޝްވަރާ ކޮށްގެން މެނުވީ، އެފަދަ މައްސަލަތަކަށް ހައްލު ނުހޯދޭނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ޖުންގެ ވާހަކަފުޅުގައި، "ސުލްހަވެރި ތަރައްގީ އަކާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ވެރިކަމެއް" ކުރުމަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލެއްވިއެވެ.

ޒަމާނީ ޓެކްނޮލޮޖީގައި ޗައިނާ ކުރިއެރިޔަނުދިނުމަށް ބަޔަކު ކުރާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ، އައު ޓެކްނޮލޮޖީތަކުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ރަނގަޅު ފައިދާއެއް ލިބިދާނެ ކަމަށެވެ.

ޗައިނާގެ ދިފާއީ ވަޒީރު މި އިޝާރާތް ކުރެއްވީ، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ގާބިލްކަން ޗައިނާއަށް ލިބުނަ ނުދިނުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޒިއަންގްޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު:

މިއަދުން ފެށިގެން 3 ދުވަހަށް ދެމިގެންދާ ޒިއަންގްޝަން ފޯރަމްގައި ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުން 500 އަށްވުރެ ގިނަ ދިފާއީ އޮފިޝަލުން ބައިވެރިވެވަޑައި ގަންނަވާ ކަމަށް ޗައިނާ ސަރުކާރުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ދިފާއީ ވަޒީރުންނާއި، އަސްކަރީ އިސް ބޭފުޅުންގެ ރަސްމީ ތަގްރީރުތައް މިއަދަށް ތާވަލްކޮށްފައި ވާއިރު، ދެން ކުރިއަށްދާނީ ވަށްމޭޒު މަޝްވަރާތަކެވެ.

ވަށްމޭޒު މަޝްވަރާތަކުގެ ޓޮޕިކްތަކުގެ ތެރޭގައި ޗައިނާ-އެމެރިކާގެ ގުޅުން، ޔޫރަޕާއި އޭޝިޔާގެ ސަލާމަތާ ގުޅުންހުރި ކަންކަން، އަދި މިއަދުގެ މަލްޓިޕޯލާ ދުނިޔެއެއްގައި ދިފާއީ ކަންކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ފަދަ ޓޮޕިކްތައް ހިމެނެއެވެ.

ޒިއަންގްޝަން ފޯރަމްގައި އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް މައިކަލް ޗޭސްވެސް ބައިވެރިވެވަޑައި ގަންނަވައެވެ.

tel:+9607331319