logo

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ނިންމުމަށް ހަމާސްއިން މަރްހަބާ ކިޔައިފި

profile

ސައިފް އަޒުހަރު - 21 ނޮވެމްބަރު 2024 - 20:25

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ނިންމުމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން މަރްހަބާ ކިޔައިފިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުމަކީ އިންސާފުގެ މަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޯޓުގެ ނިންމުމަކީ އިސްތިއުމާރީ ބާރުން ދެމުންގެންދާ އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ލިބިގެންދާނެ ރައްކާތެރިކަމެއް ކަމަށާއި، އެހެން ނަމަވެސް، އެކަން ހަގީގަތަކަށް ވެގެންދާނީ ކޯޓުގެ ނިންމުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން އަމަލުކޮށްގެން ކަމަށް، ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ބާސިން ނާއިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ، އައިސީސީގެ އަމުރު ބަލައިނުގަންނަ ކަމަށެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން، އައިސީސީ މުއާހަދާގައި ބައިވެރިވާ ކޮންމެ ގައުމަކަށް ނަތަންޔާހޫއާއި ގަލަންޓް ދިޔަޔަސް ހައްޔަރުކޮށް އެ ކޯޓާ ހަވާލުކުރަން މަޖުބޫރު ވާނެއެވެ.

އަދި ހަމަ އެއާއެކު، ކޯޓުގެ އަމުރުގެ ސަބަބުން، ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގުމަށް އިސްރާއީލަށް ހަތިޔާރުދީ، ވާގިވެރިވާ ހުޅަނގުގެ ގައުމުތަކަށްވެސް އެކަން ހުއްޓާލުމަށް މަޖުބޫރުވެގެންދާނެއެވެ.

https://int.etukuri.mv/
tel:+9607331319