ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ މި އަޑުއެހުން އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައެވެ. އަދި މި ޝަރީއަތުގެ މަޖިލިސް ޔޫޓިއުބުން ވަގުތުން ލައިވްކުރާނެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ކުރިންވަނީ ނިންމާފައެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، ކުރިއަށްގެންދާ ފުރަތަމަ ޝަރީއަތުގެ އަޑުއެހުން 21 އޯގަސްޓުގައި ބާއްވާފައިވާއިރު އެދުވަހު އޮތީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅައި މަޝްވަރާކުރުމެވެ. ޝަރީއަތް ލައިވްކުރަން ހުށަހެޅުއްވީ ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްވަނީ ދެން އޮންނަ އަޑުއެހުމަކުން ފެށިގެން މައްސަލަ ލައިވްކުރުމަށެވެ.
އާރަށް މައްސަލާގައި ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022 ގައި ޔާމީންގެ މައްޗަށް އިއްވީ ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް، 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާއަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެކެވެ.
މި ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް މިދިޔަ 18 އެޕްރީލްގައި ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އަންގާފައެވެ.
އެ ހުކުމް ބާތިލުކުރުމުން ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެފައެވެ.