logo

ފިނިފެންމާ ގޮއްވާލި މައްސަލައިގައި ދައުވާ ނުކުރީ ހެކި ނެތުމުން: މުހުތާޒް

profile

އާމިނަތު ޝަފާ - 27 އޯގަސްޓު 2024 - 18:30

މުހުތާޒު ކުރީގެ ރައީސް ޔާމީނާއެކު

މުހުތާޒު ކުރީގެ ރައީސް ޔާމީނާއެކު

ކުރީގެ ރައީސް ޔާމީންގެ ޒައާމަތުގައި ފިނިފެންމާ ލޯންޗު ގޮއްވާލިކަމުގެ ތުހުމަތުގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާނުކުރީ ހެކި ނެތުމުންކަމަށް ސިންގަޕޫރަށް ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރަކަށް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިފަދައިން ވިދާޅުވީ ފްރަންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން އަމާޒުކުރި ފާޑުކިޔުންތަކަށް ދެއްވި ރައްދުގައެވެ.

މުހުތާޒް މި މައްސަލަ ތަހުގީގަށް ނުފޮނުވުމަށް މަސައްކަތް ކުރިކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލައިގައި ދުށީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މުހުތާޒު ވަކިކުރީ އޭނާ އާ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫންކަމަށެވެ.

މިކަމަށް ރައްދުދެއްވަމުން މުހުތާޒު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންވެފައިވާކަމަށާއި ދައުވާކުރުމާއި ނުކުރުން ބިނާވެގެންވަނީ ހެކީގެ މައްޗަށްކަމަށެވެ.

އަދި ޕީޖީގެ މަސްއޫލިއްޔަތަކީ އޭރަކު ވެރިކަމުގައި ހުންވާ ބޭފުޅަކު ބުނާހާ ގޮތައް އަމަލުކުރެއްވުން ނޫންކަމަށާއި ރައީސް ޔާމިންގެ "ދެ އަރިމަތީގައި" މިހާރު ފެންނަން ހުރީ އެމަނިކުފާނު ހުރަގެއަށްލައި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލަން އުޅުނު މީހުންކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ޝައްކުކުރެއްވި މީހުންކަމަށް މުހުތާޒު ވިދާޅުވިއެވެ.

ވީއިރު ނިޒާމު ނެގެހެއްޓުމުގެ ވާހަކަ ދައްކަން ރައީސް ޔާމީން ލަދުގަންނަން ޖެހޭނަކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ރައީސް ޔާމީން ހިންގެވިފަދަ މުޑުދާރު އަމަލުތައް ހިންގަވާނެ ބޭފުޅެއްނޫންކަމަށް މުހުތާޒު ވިދާޅުވިއެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރައީސް ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު ހުޅުލޭ އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އޭރުގެ ނައިބުރައީސް އަހުމަދު އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފުގެ މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

މުހުތާޒު ޕީޖީގެ މަގާމު އަދާކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ.

އެފަހުން މި ސަރުކާރުންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް އައްޔަނުކުރައްވާފައެވެ.

އަދި މިހާރު އޭނާ ވަނީ ސިންގަޕޫރަށް ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރަކަށް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319