ތުހުމަތުކުރެވޭ ކޮންމެ ފަރާތަކުން ތަހުގީގުކުރާ އިދާރާތަކުގެ ބާރުވެރިކަމާއި ބެހޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ލަފާނަގަން ވެއްޖެނަމަ އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިފަދައިން ވިދާޅުވީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް އަމަލު ނުކުރަން ފުލުހުން ނިންމުމުގައި ޕީޖީ އޮފީހުގެ ލަފާ ހޯދޭނެ ކަމަށާއި އަދި އެކަން ދައުލަތުން ހައި ކޯޓުގައި ތަފްސީލްކޮށް ނުދިނުމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުކުރައްވައި ކުރެއްވި ޕޯސްޓަށް ޖަވާބުދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
މައްސަލައިގައި މުހުތާޒު ވިދާޅުވީ މައްސަލާގައި ފުލުހުންނަކީ ތުހުމަތު ކުރެވޭ ފަރާތްކަމަށެވެ. އެހާލަތުގައި އެ ލަފާ ބަންޑާރަނައިބުގެ އޮފީހުން ނެންގެވުން ރަނގަޅު ކަމަށާއި ތުހުމަތުކުރެވޭ ކޮންމެ ފަރާތަކުން ތަހުގީގުކުރާ އިދާރާތަކުގެ ބާރުވެރިކަމާއި ބެހޭ ގޮތުން ޕީޖީ ގެ ލަފާނަގަން ވެއްޖެނަމަ އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެކަމަށް މުހުތާޒު ވިދާޅުވިއެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް 2023 ވަނަ އަހަރު ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވެއެވެ. އޭރު އެމްޑީޕީގެ ވެރިކަން ނިމެންއޮތީ އެންމެ ދުވަހަކަށް ވެފައެވެ.
ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން މިދިނީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށެވެ. އަދި ޕްރޮމޯޝަންތައް ދިނުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އެންގިއެވެ. ނަމަވެސް އޭސީސީ އިން ނެރުނު އަމުރަކީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ފޮނުވި އަމުރަކަށް ވުމުން ޕީޖީން ވަނީ އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އޭގެފަހުން މައްސަލަ އޭސީސީން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ހައި ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ އޭސީސީގެ އެންގުމަށް ތަބާނުވާން ފުލުހުން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށެވެ. ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު އޮންނަނީ އޭޖީ އޮފީހުން ކަމަށް ވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފާ ހޯދީ ކީއްވެގެންތޯ ފަނޑިޔާރުން ބެންޗުން ސުވާލު ކުރުމުން ސަބަބު ސާފުނުވާކަމަށް ސައުލަތުން ބުނެފައިވެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދިޔައިރު ގިނަ އަދަދެއްގެ ފުލުހުންނަށް ވަނީ ޕްރޮމޯޝަން ދީފައެވެ. އޭގެތެރޭގައި އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ފަސް ބޭފުޅަކު ވަނީ ޕްރޮމޯޓް ކޮށްފައެވެ.