ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިވަންކޮށްދޭން އެދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ އަރިހުގައި އާދޭސް ދެންނެވިން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، މިރޭ ޓީވީ ޗެނަލަކުން ދެއްކި އެމަނިކުފާނުގެ ހާއްސަ ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލާފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ 2018 ވަނަ އަހަރު އޮތް އެމްޑީޕީގެ ވެރިކަން ނިމުނު ހިސާބުންވެސް އަދި އޭގެ ކުރިން ރައީސް ޞާލިޙްގެ ވެރިކަމުގައި ރައީސް ޔާމީނަށް ދަތިކޮށް އުނދަގޫކޮށް، އެކި ކަންކަމުގައި ކޯޓަށް ގެންގޮސް ފުލުހަށް ގެންގޮސް ހެދިއިރުވެސް ރައީސް ޔާމީންގެ ދިފާއުގައި ހުންނެވި އެކަކު ކަމަށެވެ. ރައީސް ޞާލިޙްގެ ވެރިކަމުގެ ތެރޭގައިވެސް، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައިވެސް ރައީސް ޔާމީން މިނިވަންކުރުން ނޫން އެއްވެސް ވިސްނުމެތް ނުގެންގުޅުއްވާކަން ފާހަގަކުރަައްވައި ރައީސް ވިދާޅުވީ އެފަދަ އެއްވެސް ހިޔާލެއްވެސް ދުވަހަކުވެސް ނުގެންގުޅުއްވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް -- ޕީޕީއެމްގައިރައީސް ޔާމީން ބޭނުންފުޅުވާނަމަ ދެވަނަ ދައުރެއް ހޯދައިދެއްވުމަށްޓަކައި އިސްދައުރެއް އަދާކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން އަރިހުގައި ވިދާޅުވެފައިވާނެ ކަމަށާއި އަދި އެ ފުރުސަތު ލިބިވަޑައިގެން ކަމަށެވެ. ރައީސް ޔާމީން ޖަލަށް ގެންދިއުމުންވެސް އެމަނިކުފާނު މިނިވަން ކުރުމަށްޓަކައި ކުރި ހުރިހާ މަސައްކަތެއްގައި ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއެކު އެމަނިކުފާނު އުޅުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ފުރަތަމަ ޖަލު ހުކުމުން ރައީސް ޔާމީން ސަލާމަތްވީ ދުވަހުގައިވެސް ހީނުކުރާ ކަހަލަ އުފާވެރި އިހުސާސްތަކެއް ކުރެއްވުނު ކަމަށެވެ.
އެ އިހުސާސްތަކާއިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅެވަޑައިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ފަހަރަށް ޖަލަށް ގެންދިޔައީ ކަމަށެވެ.
ދެން އަޅުގަނޑުމެން މަސައްކަތް ކުރީ އެމަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ.، އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފޯނުގައި ޑިލީޓުނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް، ބެލޭނެކަމެއް ނޭނގެ. [ޕްރެޒެންޓަރުގެ ނަން] ރަނގަޅު ކަންނޭނގެ އިބްރާހިމް މުޙައްމަދު ޞާލިހާ ސުވާލުކޮށްލަން އަޅުގަނޑު ފޮނުވި ކިތައް މެސެޖު އެބައޮތްތޯ؟
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާ، މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން އަމުރުކުރީ 18 އޭޕްރީލު 2024ގައެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުގައި ހިންގި ހަރަކާތްތައް ލީޑުކުރެއްވުމުގައި މިހާރުގެ ރައީސް ވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ.
ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022ގައި ރައީސް ޔާމީންގެ މައްޗަށް އިއްވީ:
ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް
މަނީ ލޯންޑަރިންގެ ކުށަށް، 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް
ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މި ދެ މައްސަލާގައި ހުކުމް ކުރަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ބާތިލްކުރީ ރިޝްވަތު ނެގިކަން ސާބިތުވެގެން އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމެވެ. ގާތްގަނޑަކަށް 6 ގަޑިއިރަށް ދިގު ދެމިގެން ދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި އެ ދުވަހުގެ މަޣްރިބް ނަމާދަށް ފަހު ބޭއްވި އަޑުއެހުމުގައި ނިންމީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވާފައިވާ 7 އަހަރުގެ ހުކުމްވެސް ބާތިލް ކުރުމަށެވެ.
ހުކުމުގައި ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް ވެސް ކަނޑައަޅާފައެވެ.