logo

ޝައްކެތްވެސް ނެތް؛ ރައީސް ޔާމީނަކީ އަނިޔާވެރިއެއް: ނާޒިމް

profile

ޒިދާން މުޙައްމަދު - 22 އޯގަސްޓު 2024 - 21:38

ވަތުބަތާން ޕްރޮގުރާމްގައި ނާޒިމް ވާހަކަދައްކަވަނީ

ވަތުބަތާން ޕްރޮގުރާމްގައި ނާޒިމް ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ ޝައްކެތްވެސް ނެތް ގޮތުގައި އަނިޔާވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އަސްލު ޓީވީގެ "ވަތުބަތާނަ" ޕްރޮގްރާމްގެ ފަސް ސުވާލުގެ ސެގްމެންޓްގެ ސަުވާލުތަކުގެ ތެރެއިން ޕްރޮގްރާމް ބައްލަވާ ފަރާތްތަކުން އެ މަނިކުފާނާއި ކުރިމަތި ކުރުވި ސުވާލުތަކުގެ ތެރެއިން ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ޔާމީންގެ ކުރީގެ އެންމެ ގާތް މިތުރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމަށާއި ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ނުހައްގު ހުކުމެއްކޮށް ޖަލަށް ލުމަކީ އޭގެ އެއް ހެކި ކަމަށެވެ.

ރައީސް ޔާމީނަކީ އަނިޔާވެރިއެއްތޯ ބެލުންތެރިޔަކު ސުވާލުކޮށްފައިވާތީ ނާޒިމް ވިދާޅުވީ އެއީ ކުރަންވެސް ވާކަހަލަ ސުވާލެއް ނޫން ކަމަށާއި އެމަނިކުފާނު ކުރައްވާފައިވާ ކަންތައްތަކަށް ބެއްލެވީމީ އެކަން އެނގިގެންދާނެ ކަމަށެވެ. ރައީސް މައުމޫނަކީ ރައީސް ޔާމީންގެ އެއްބަފާ ބޭބެފުޅުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫންގެ މައްޗަށް ޖަލު ހުކުމެއް ކުރީ އުމްރާގެ މަތިވެރި އަޅުމަކަށް ވަޑައިގެން ހުންނެވި ގާޒީއެއް ރަމަޟާންމަހުގެ 27 ވިލޭރެއެއްގައި ގެންނަވައިގެން ކަމަށެވެ. ގާޒީ އުމްރާގެ އަޅުކަމަށް މައްކާގައި ހުންނަވަނިކޮށް ޓިކެޓް ބަދަލުކޮށްގެން މާލެ ގެންނެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ. މުސްކުޅި ހާލުގައި އެއްބަފާ ބޭބޭފުޅު ކޯޓުގައި އެތައް ގަޑިއިރަކު ބޭންދެވިކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

"ހުކުމްކުރީ ރައީސް ޔާމީންގެ ވެރިކަމުގަ. ކޯޓުތަކަކީ މިނިވަންތަކެކޭ، މިއީ ތިމަންނާއާ ބެހޭ ކަމެއް ނޫނޭ ބުންޏަސް މިއީ ކަން ހިނގައިދިޔަ ގޮތް. އަމިއްލަ ވެރިކަމުގައި އަމިއްލަ ބޭބެއާ ދޭތެރޭ ކަންތައް ކުރެއްވި ގޮތް މި ދެންނެވީ"
"އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. އެއީ ހަމަ އަނިޔާވެރިއެއް. ކާކުތީ މުސްކުޅި ބޭބެއާ މެދު އެ ގޮތަށް ކަންތައް ކުރާނީ؟"

ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން ހައިކޯޓުން މިނިވަންކުރީ 2018 ވަނަ އަހަރުެގ ސެޕްޓެމްބަރުމަހުގައެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ ހުކުމް އިއްވުމާއެކު މައްސަލަ އިސްތިއުނާފު ކުރުމަށްފަހު 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހައިކޯޓުގައި އެދުނެވެ. ރައީސް މައުމޫން ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވެސް ވަނީ ގޯސްވެފައެވެ.

https://int.etukuri.mv/
tel:+9607331319