logo

ރާއްޖެއަށް ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަބަދުވެސް ހޭލާ ތިބެން ޖެހޭ: ރައީސް މައުމޫން

profile

ޝުރުފާ މުހައްމަދު - 03 ނޮވެމްބަރު 2024 - 22:24

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވަނީ---- ފޮޓޯ ރައީސް އޮފީސް

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވަނީ---- ފޮޓޯ ރައީސް އޮފީސް

ދުނިޔޭގެ ސިޔާސީ މަސްރަހު ހިނގަމުންދާ ގޮތަށް ބަލާއިރު، އަބަދުވެސް ރާއްޖެ އަށް ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެކަން ހަނދާންކޮށް އެކަމަށް ސަމާލުވެގެން ތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނާ ދިވެހިން ކުރިމަތިލި އިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް ފަހުގެ ތާރީޚެއްގައި މިފަދަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން އެ ދުވަހާ ގުޅޭގޮތުން ދިވެހިންނާ މުޚާތަބްކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އެ ދުވަސް ދަސްކޮށްދިން ފިލާވަޅުތަކާއި، ހާސިލްކޮށްދިން އިބްރަތްތަކުގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެ ދުވަސް ދަސްކޮށްދެނީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާ އަޒުމެއްގައި އަބަދުވެސް ދެމެހެއްޓުމުގެ މުހިންމުކަން ކަމަށް ވިދާޅުވެ ސިޔާސީ ފިކުރުގައި އެއްބައިވަންތަކަން ރޫޅާނުލުމަށް ރައީސް މައުމޫން އިލްތިމާސްކުރެއްވި އެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ އާއި ފައިދާގެ މިސާލެއްގެ ގޮތުން އެމަނިކުފާނު ދެއްކެވީ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ލިބުނު ނަސްރެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި މަދު ބަޔަކު ތިބި ނަމަވެސް، އެ ދުވަހު އެންމެން ވެސް ތިބީ ސަރުކާރާއި އެކީގައި. ރާއްޖެ އަށް ހަމަލާދިން ދުޝްމަނުންނަށް އެއްވެސް ދިވެއްސެއްގެ ފަރާތުން ކުޑަވެސް އެހީތެރިކަމެއް އެ ދުވަހު ނުލިބުނު. އެންމެ ކުޑަމިނުން ހޫނު ގަދަ ދުވަހެއްގައި ބޯލާނެ ފެންފޮދެއް ވެސް ނުލިބުނު.

މީގެ އިތުރަށް އެ ދުވަހު ދިވެހިން ދެއްކި ހިތްވަރަށް ވެސް އެމަނިކުފާނު ވަނީ ސާބަސް ދެއްވާފަ އެވެ. ރާއްޖެ އަކީ އޭރު މާ ގިނަ ހަތިޔާރުތަކެއް ހުރި، ހަނގުރާމައަކަށް ތައްޔާރު ގައުމަކަށް ނުވި ނަމަވެސް އެ ދުވަހުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ގަދަ ހިތްވަރު ކަމަށް ވިދާޅުވި އެވެ.

ގައުމުގެ މިނިވަންކަމަށްޓަކާ، ގައުމުގެ އިއްޒަތާއި ޝަރަފައްޓަކާ ތިމާގެ ހަށިގަނޑާއި ފުރާނާއިން ގުރުބާންވާން ކެރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ހަގީގަތެއްކަން އެ ދުވަހު ސާބިތުވި.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވާ ވަނީ، އަދިވެސް އެފަދަ ކުއްލި ނުރައްކަލެއް ރާއްޖެ އަށް ކުރިމަތިވެދާނެކަން ހަނދާކޮށްދެއްވާ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އަބަދުވެސް ދިވެހި ރައްޔިތުން ތިބެން ޖެހޭނީ އެކަމަށް ހޭލާ ކަމަށް ވިދާޅުވި އެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ރާއްޖެ އަށް ބައިނަލްއަގުވާމީ އެތައް އެހީއެއް ލިބިފައިވާއިރު، އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެ ޖަމިއްޔާތަކާއި ގައުމުތަކަށް ތަކުރާރުކޮށް ޝުކުރު އަދާކުރައްވާފަ އެވެ.


https://wamco.com.mv/
tel:+9607331319