
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ސަރުކާރުގެ ސިޔާސަތުތަކާއެކު 2028 ގެ ނިޔަލަށް ދަރަނި 90 އިންސައްތައަށް ވުރެ ކުޑަކުރެވޭނެ: ފިނޭންސް

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޯގަސްޓު 2024 - 12:45
ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކާ އެކު 2028 ގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 90 އިންސައްތައަށް ވުރެ ކުޑަ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ' އަށް ދަށްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޗުން ފާހަގަކޮށްފައިވާ ފިސްކަލް ދާއިރާއަށާއި ބޭރު ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރީފޯމްކޮށް މެދު ރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން، ދައުލަތުގެ މާލީ ހާލަތާއި ބޭރު ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ހަރަދުކުޑަކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
އާމްދަނީގެ ސިޔާސަތުތަކުގެ ގޮތުގައި ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ އެއާޕޯޓު ޓެކުހާއި ފީއާއި ގްރީން ޓެކުހުގެ ރޭޓުތަކާއި ސިއްހަތައް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތި ކުރުމުގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރަން ޖީއެސްޓީގެ ގާނޫނު އިސްލާހުކޮށް ޓެކްސް ބޭސް ފުޅާކުރުމެވެ.
މިނިސްޓްރީން ބުނީ، އާމްދަނީގެ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ޖުލްލަކޮށް ދައުލަތަށް ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވެ، ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ މިންވަރުވެސް އިތުރުކުރެވޭނެ ކަމަށެވެ.
އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވްއާއި އެކްސްޓާނަލް ސެކްޓާއަށް ހުރި ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަނިތައް ދައްކަން ވެސް ފަސޭހަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކެއް ވެސް އެކުލަވާލައި ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް، އިންޑިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހޭ ފަރާތްތަކަށް ޓާގެޓުކޮށް ދެވޭ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމާއި ސިއްހީ އިންޝޫރަންސްގެ ނިޒާމު ހަރުދަނާކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކުއްލި ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ފިއުލް ހެޖިންއާ ބެހޭ ސިޔާސަތެއް ތަންފީޒުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ފިސްކަލް ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކަކީ ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތު ރަނގަޅުކުރުމުގެ މަގްސަދުގައި އެކުލަވާލާ ތަންފީޒުކުރުމަށް ރާވާފައިވާ ބަދަލުތަކެއް ކަމަށެވެ. އަދި އެ ސިޔާސަތުތައް ތަންފީޒުވެ، މިއަހަރުގެ މެދުރާއްތާފައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިގްތިސާދަށް އަންނާނެކަމަށް ބެލެވޭ ކުރިއެރުމާ އެކު ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިކަން އިޔާދަކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން