logo

ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 92 ދިވެއްސަކަށް ނަސޭހަތްދީފި

profile

އާމިނަތު ޝަފާ - 30 ސެޕްޓެމްބަރު 2024 - 11:24

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން

ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ 92 ދިވެހިންނަށް ނަސޭހަތުގެ ނޯޓިސްއެއް ދީފައިވާ ކަމަށާއި މި ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތްތަކާ މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ

އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް ނެރުނު ބަޔާނުގައި އިމިގްރޭޝަނުން ބުނީ، ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެންން ކުރިއަށްގެންދިޔަ މި އިންސްޕެކްޝަނުގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ސުވާލުކުރެވިފައިވާ ކަމަށެވެ.

ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައި ވެއެވެ.

ހުޅުމާލޭގައި ހިންގި އިންސްޕެކްޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުނަށް ފިޔަވަަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަނުގެ މައިގަނޑު އެއް މަޤްސަދު ކަމަށާއި، މި އިންސްޕެކްޝަނުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވިއެވެ.

މި އިންޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އުތޯރިޓީންވެސް ބައިވެރިވިއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް އެމީހުންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅުއެޅުމެވެ.

https://wamco.com.mv/
tel:+9607331319