logo

ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް 39 ބޭފުޅުން ކުރިމަތި ލައްވައިފި

profile

ސައިފް އަޒުހަރު - 16 އޯގަސްޓު 2024 - 21:41

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ:

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ:

އަންނަ ސެޕްޓެމްބަރުމަހު 21 ގައި ބާއްވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް 39 ބޭފުޅުން ކުރިމަތި ލައްވައިފިއެވެ.

ސްރީލަންކާގެ އިލެކްޓޯރަލް ކޮމިޝަނުންވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް 39 ކެންޑިޑޭޓެއްގެ އެޕްލިކޭޝަން ބަލައިގެންފައެވެ.

މިއީ، ސްރީލަންކާގެ ތާރީޚްގައިވެސް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

2019 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް 35 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް، އުމުރުފުޅުން 75 އަހަރުގެ ރަނިލް ވިކްރަމަސިންހަވެސް ހިމެނިވަޑައި ގަންނަވައެވެ.

ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަސިންހަ އިންތިޚާބު ކުރެވުނީ، އެގައުމުގެ އިގްތިސާދު ބަނގުރޫޓްވެ، ގައުމުގައި ހިނގި ވަރުގަދަ ހަމަނުޖެހުންތަކަށްފަހު 2022 ވަނަ އަހަރުއެވެ.

ކޮވިޑްގެ ވަބާއާއެކު ގައުމު ދަރަނިވެރިވެ، ބޭރު ފައިސާ ހުސްވެ، ތެލާއި ބޭހާއި ކާބޯތަކެތި ހުސްވެ، ރައްޔިތުން ރުޅިއައިސްގެން މަގުމައްޗަށް ނުކުމެ ފެށި ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، އޭރު ރައީސްކަމުގައި ހުންނެވި ގޮޓަބާޔަ ރާޖަޕަކްސަ ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގެން އޭގެފަހުން ރައީސްކަމުންވެސް އިސްތިއުފާ ދެއްވުމެވެ.

ބުރާސްފަތި ދުވަހު އިލެކްޓޯރަލް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވީ، ގައުމުގެ އިގްތިސާދު އަލުން ބިނާކުރަންޖެހޭ ކަމަށާއި، އޭނާ ފެށްޓެވި މަސައްކަތްޕުޅު ނިންމާލަން ރައްޔިތުންގެ ސަޕޯޓް ބޭނުންވާ ކަމަށެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ދިން ބެއިލްއައުޓްގެ ދަށުން، ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗަރކޮށް، މާލީ އިސްލާހްތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު، ރިޔާސީ އިންތިޚާބު ވެގެންދާނީ ރައީސް ރަނިލް ވިކްރަމަސިންހަ ފަށްޓަވާފައިވާ އިސްލާހީ މަސައްކަތުގެ ޓެސްޓަކަށެވެ.

މިހާރު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތަކާއެކު ރައީސް ރަނިލް ވިކްރަމަސިންހަ އަމާޒު ހިފާފައިވަނީ، 2048 ވަނަ އަހަރު އަންނަންވާއިރަށް ސްރީލަންކާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށެވެ.

ރައީސް ރަނިލް ވިކްރަމަސިންހައަށް ރިޔާސީ އިންތިޚާބުގައި އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވެވަޑައި ގަންނަވާނީ އެންމެބޮޑު އިދިކޮޅު އިދިކޮޅު ޕާޓީ، ސަމަގި ޖަނަ ބަލަވެގަޔަގެ ލީޑަރު، އުމުރުފުޅުން 57 އަހަރުގެ ސާޖިތު ޕްރެމަދާސައާއި، ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަންގެ ލީޑަރު، އުމުރުފުޅުން 55 އަހަރުގެ އަނޫރަ ކުމާރަ ޑިސަނަޔަކަގެ ފަރާތުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަނޫރަ ކުމާރަ ޑިސަނަޔަކަގެ މަގްބޫލްކަން، ޚާއްސަކޮށް ސްރީލަންކާގެ ޒުވާނުންގެ މެދުގައި ބޮޑުކަމަށް ވެއެވެ.

ރިޔާސީ އިންތިޚާބުގައި، ސްރީލަންކާގެ ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާގެ ޒުވާން ލީޑަރު ނަމަލް ރާޖަޕަކްސަވެސް ވާދަކުރައްވައެވެ. ނަމަލްއަކީ، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ.

އުމުރުފުޅުން 38 އަހަރުގެ ނަމަލް ވާދަކުރައްވާތީ، ރާޖަޕަކްސަ އާއިލާއިންވަނީ މިހާރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ރަނިލްއަށް ތާއީދު ނުކުރަން ނިންމާފައެވެ.

2022 ވަނަ އަހަރު ސްރީލަންކާގެ ރައީސްކަމަށް ރަނިލް ވަޑައިގެންނެވީ ރާޖަޕަކްސަ އާއިލާއިން ތާއީދު ދިނުމުންނެވެ.

https://wamco.com.mv/
tel:+9607331319