logo

ސަންއާއަށް ނިއުކްލިއަރ ބޮން އެޅިޔަސް ފަލަސްތީނާއި ލުބުނާނު ރައްޔިތުން ދޫކޮށެއް ނުލާނަން: ހޫޘީން

profile

ސައިފް އަޒުހަރު - 17 އޮކްޓޯބަރު 2024 - 14:50

ޔަމަނުގެ ވެރިރަށް ސަންއާއަށް ނިއުކްލިއަރ ބޮން އެޅިޔަސް، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަދި މިހާރު ލުބުނާނުގެ ދިފާއަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނޭ ކަމަށް، ޔަމަނުގައި ވެރިކަންކުރާ ހުޘީންގެ އަސްކަރިއްޔާ – އަންސާރުﷲއިން ބުނެފިއެވެ.

ހޫޘީން މިހެން ބުނީ، އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކުން ޔަމަނުގެ ވެރިރަށް ސަންއާއާއި އަދި ޔަމަނުގެ އެހެން ހިސާބުތަކަށް ރޭގައި ވަރުގަދައަށް ބޮން އެޅުމާ ގުޅިގެންނެވެ.

އަންސާރުﷲ ނުވަތަ ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރީ ވިދާޅުވީ، ނިއުކްލިއަރ ބޮންތަކުން ސަންއާއަށް ހަމަލާދިނަސް، ޔަމަނުން ފަލަސްތީނާއި ލުބުނާން ރައްޔިތުން ދޫކޮށްނުލާނެ ކަމަށާއި، ޔަމަނު އޮންނާނީ ސާބިތުކަންމަތީގައި ކަމަށެވެ.

ޔަމަނުގެ މީޑިއާއިން ބުނެފައިވަނީ، އެމެރިކާއިން ބޮންއަޅާފައިވަނީ ސަންއާއާއި، ސައާދާއަށް ކަމަށެވެ. ބޮންއެޅުމަށް އެމެރިކާއިން ބޭންކުރީ ބޮންއަޅަން ބޭނުންކުރާ ޚާއްސަ ބީ-2 މަތިންދާ ބޯޓުތަކެވެ.

ސަންއާއަށާއި، ސައާދާއަށް ބޮންއެޅުމަށްފަހު، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބޮންއެޅީ، ސަރަހައްދުގެ އާންމުންނަށާއި، އަސްކަރީ ތަންތަނަށް ނުރައްކާކުރަން ހޫޘީން ބޭނުންކުރާ ހަތިޔާރުތައް ފޮރުވާފައި ހުރި ބިމުއަޑީގެ ގުދަންތަކަށް ކަމަށެވެ.

ބޮންއެޅި ތަންތަނުގެ ތެރޭގައި، ހޫޘީން ބޭނުންކުރާ މިސައިލް ގުދަންތައްވެސް ހިމެނޭ ކަމަށް އޮސްޓިން ވިދާޅުވެފައި ވެއެވެ.

އަދި ޔަމަނަށް ބޮންއެޅީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިރުޝާދު ދެއްވައިގެން ކަމަށާއި، މިކަމުގެ ބޭނުމަކީ ހުޘީންނަށް ލިބިފައިވާ ހަމަލާދިނުމުގެ ގާބިލްކަން ނައްތާލައި ބަލިކޮށްލުން ކަމަށެވެ.

ސަރަހައްދުގެ އާންމުންނާއި އަސްކަރީ ތަންތަނާ ގުޅުވައި އެމެރިކާގެ ދިފާއީ ވަޒީރު ބަޔާން ނެރުއްވި ނަމަވެސް، މިއީ އިސްރާއީލަށް ނުރައްކާކޮށް ރަތްގަނޑުން ދަތުރުކުރާ އިސްރާއީލުގެ ބޯޓުތަކަށް ނުރައްކާކުރާތީ ދިން ހަމަލާތަކެއް ކަމަށް އެންމެނަށްވެސް އެނގެއެވެ.

ޔަމަނަށް ބޮންއެޅުމުގައި އެމެރިކާއާއެކު އިންގިރޭސީންވެސް ބައިވެރިކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރިން ޔަމަނަށްދިން ހަމަލާތަކުގައިވެސް އިނގިރޭސީން ބައިވެރިވިއެވެ.

ރޭގައި ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް، ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ ސަރުކާރުން އަދި އަސްކަރިއްޔާއިންވެސް އަދި ހާމައެއް ނުކުރެއެވެ.

https://int.etukuri.mv/
tel:+9607331319