logo

އަނެއްކާވެސް ހިޒްބުﷲގެ ކުއްލި ހަމަލާއެއް: އިސްރާއީލު ސިފައިންގެ 5 މީހުން މަރު، 50 މީހުން ޒަޚަމް

profile

ސައިފް އަޒުހަރު - 16 އޮކްޓޯބަރު 2024 - 23:48

ލުބުނާނު – އިސްރާއީލު ވަކިކުރާ އިމުގެ ސަރަހައްދުން ލުބުނާނުގެ ތެރެއަށް ވަދެފައިވާ އިސްރާއީލު ސިފައިންގެ ގާފިލާއަކަށް ހިޒްބުﷲ މުޖާހިދުން ފިލާތިބެ ކުއްލި ވަރުގަދަ ހަމަލާއެއް ދީފިއެވެ.

މި ހަމަލާގައި އިސްރާއީލު ސިފައިންގެ އެތައްބަޔަކު މަރުވެ، އެތައްބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓްތައް އާންމުވަމުން އެބަދެއެވެ.

ބައެއް ރިޕޯޓުތައް ބުނަނީ، ހިޒްބުﷲ މުޖާހިދުން ދިން ކުއްލި ހަމަލާގައި އިސްރާއީލު ސިފައިންގެ 5 މީހުން މަރުވެ، 50 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހިބްރޫ މީޑިއާއިން ބުނެފައިވަނީ ޒަޚަމްވެފައިވާ 49 ސިފައިން ހައިފާގެ ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށެވެ.

މި ހަމަލާގައި މަރުވި އަދި ޒަޚަމްވި ސިފައިން، އިސްރާއީލުގެ އަސްކަރީ އެތައް ހެލިކޮޕްޓަރެއްގައި ހައިފާގެ ހޮސްޕިޓަލްތަކަށް އުފުލަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވަމުން އެބަދެއެވެ.

އެގޮތުން، ހައިފާގެ ރަމްބަމް ހޮސްޕިޓަލަށާއި، ތެލް ހަޝޯމާ އަދި ބެއިލިންސަން ހޮސްޕިޓަލަށްވެސް، ހެލިކޮޕްޓަރުތަކުގައި ސިފައިން އުފުލަމުން އެބަގެންދެއެވެ.

ލުބުނާނު – އިސްރާއީލު ވަކިކުރާ އިމުގެ މެދުތެރޭ ސަރަހައްދުތަކުގައި ހިޒްބުﷲ މުޖާހިދުންނާއި އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހިޒްބުﷲ މުޖާހިދުން މަސައްކަތް ކުރަމުންދަނީ، ލުބުނާނުގެ ސަރަހައްދުގެ ތެރެއަށް ވަދެގެންއުޅޭ ޒަޔަނިސްޓު ސިފައިން ކުރިއެރިޔަނުދީ ފަހަތަށް ޖެއްސުމަށް ކަމަށް ވެއެވެ. އަދި އެމީހުން ކާމިޔާބު ހޯދަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެއްގަމުމަގުން ކުރިނޭރިގެން އުދުވާނީ އިސްރާއީލުން ކުރާ ކަމަކީ، ވައިގެމަގުން ބޮންއެޅުމެވެ. އިސްރާއީލު ސިފައިންނަށް ކުރަން އެނގޭކަމަކީ ވައިގެ ހަމަލާދިނުން ކަމަށާއި، ހިޒްބުﷲ މުޖާހިދުންނާ ކުރިމަތިލައި ހަނގުރާމަ ކުރުމުގެ ގާބިލްކަމެއް އެމީހުންގެ ނެތްކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319