3 ދުވަސްތެރޭ އިންޑިއާގެ 12 މަތިންދާ ބޯޓަކަށް ބޮމުގެ އިންޒާރު ދީފި
ސައިފް އަޒުހަރު - 17 އޮކްޓޯބަރު 2024 - 09:07
ނިއުދިއްލީން ފުރައިގެން ޗިކާގޯއަށް ދަތުރުކުރި އެއަރ އިންޑިއާގެ ބޯޓު، ބޮމުގެ އިންޒާރާ ގުޅިގެން އަންގާރަ ދުވަހު ކެނެޑާގެ އެއަޕޯޓެއްގައި ޖައްސާފައި:
ތިންދުވަސް ތެރޭ އިންޑިއާގެ 12 ފްލައިޓަކަށް ބޮމުގެ އިންޒާރު ދިނުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ، ދަތުރުތަކަށް ހުރަސްއެޅިއްޖެއެވެ.
އިއްޔެވެސް އިންޑިއާގެ ދެ އެއަރލައިނަކަށް ބޮމުގެ އިންޒާރު ދިނުމާ ގުޅިގެން ފްލައިޓްތައް ޑައިވާޓް ކޮށްފައި ވެއެވެ.
އަކަސާ އެއަރގެ ފްލައިޓެއް، ވެރިރަށް ނިއުދިއްލީން ފުރައިގެން ދެކުނުގެ ބެންގަލޫރަށް ދަތުރުކުރަނިކޮށް ބޮމެއްގެ އިންޒާރު ދިނުމާ ގުޅިގެން، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ވަނީ އަނބުރާ އައިސް އެއަޕޯޓަށް ޖައްސާފައެވެ.
މުމްބާއީއިން ފުރައިގެން ނިއުދިއްލީއަށް އިއްޔެ ދަތުރުކުރި އިންޑިގޯ ފްލައިޓަކަށް ދެވުނު އިންޒާރަކާ ގުޅިގެން ވަނީ، އަހްމަދުއާބާދުގެ އެއަރޕޯޓަކަށް ޖައްސާފައެވެ.
އަންގާރަ ދުވަހު ސިންގަޕޫރަށް ދަތުރުކުރި އެއަރ އިންޑިއާ އެކްސްޕްރެސްގެ ބޯޓަކަށް ދިން އިންޒާރާ ގުޅިގެން، އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުން ދަތުރުކޮށް ޗަންގީ އެއަރޕޯޓަށް ޖައްސާފައިވަނީ އަސްކަރީ 2 ޖެޓް އެސްކޯޓްކޮށްގެން ގެންދިއުމަށް ފަހުއެވެ.
އިންޑިއާގެ އަޔޯދިއާއިން ފުރައިގެން ބެންގަލޫރަށް ދަތުރުކުރި އެއަރ އިންޑިއާ އެކްސްޕްރެސްގެ ބޯޓަކަށްވެސް އަންގާރަ ދުވަހުވަނީ ބޮމެއް އޮތްކަމުގެ އިންޒާރު ދީފައެވެ.
ނިއުދިއްލީން ފުރައިގެން އެމެރިކާގެ ޗިކާގޯއަށް ދަތުރުކުރި އެއަރ އިންޑިއާގެ ބޯޓަކަށް ދެވުނު އިންޒާރަކާ ގުޅިގެން އިމަޖެންސީ ހާލަތުގައި އަންގާރަ ދުވަހު ކެނެޑާގެ އެއަޕޯޓަކަށް ޖައްސާފައި ވެއެވެ.
ދަރުބަންގާއިން ފުރައިގެން މުމްބާއީއަށް ދަތުރުކުރި ސްޕައިސްޖެޓްގެ ބޯޓަކަށާއި، ބަގްޑޯގްރާއިން ފުރައިގެން ބެންގަލޫރަށް ދަތުރުކުރި އަކަސާ އެއަރގެ ބޯޓަކަށް އަންގާރަދުވަހު ބޮމުގެ އިންޒާރު ދީފައިވާ ކަމަށް އިންޑިއާގެ މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ހޯމަދުވަހު މުމްބާއީއިން ފުރައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދަތުރުކުރި އިންޑިގޯގެ ބޯޓަކަށާއި، އުމާންގެ މުސްކަޓަށް ދަތުރުކުރި ބޯޓަކަށްވެސް މިފަދަ އިންޒާރުތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުމްބާއީން ފުރައިގެން އެމެރިކާގެ ނިއުޔޯކަށް ހޯމަދުވަހު ދަތުރުކުރި އެއަރ އިންޑިއާގެ ބޯޓަކަށް ދިން އިންޒާރާ ގުޅިގެން ބޯޓު ޖައްސާފައިވަނީ ނިއުދިއްލީގެ އެއަރޕޯޓަކަށެވެ.
އިންޒާރުތަކުގެ ސަބަބުން 12 ފްލައިޓެއްގެ 15 ދަތުރަށް ހުރަސްއެޅުނެވެ.
އިންޑިއާގެ ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީގެ ޑިރެކްޓަރ ޖެނެރަލް ޒުލްފިގާރު ހަސަން ވިދާޅުވީ، މަތިންދާ ބޯޓުތަކަށް ބޮމުގެ އިންޒާރުދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށެވެ.