
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 11:39
ރާއްޖޭގެ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް އެމްއެމްއޭ އިން މިއަދު އިފްތިތާހުކޮށްފިއެވެ.
ބީއެމްއެލް އަދި އެމްއައިބީ އާ ގުޅިގެން ފެށި މި ޚިދުމަތުގެ ސަބަބުން، އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި ބޭންކުގެ މޮބައިލް އެޕް މެދުވެރިކޮށް އިންޑިއާގެ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
މި ނިޒާމުގެ ދަށުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފޮނުވާ ފައިސާ، ލިބޭ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނީ އިންޑިއާ ރުޕީސް އިންނެވެ.
މިއީ ރާއްޖޭގެ އެތެރޭގައި ކުރާ ބޭންކް ޓްރާންސްފަރތަކޭ އެއްފަދަ ފަސޭހަ އަދި ރައްކާތެރި ހިދުމަތެކެވެ.
މިއީ ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމު ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅާލެވުނު ފުރަތަމަ ފަހަރެވެ.
އިންޑިއާގެ މަޝްހޫރު ޔޫޕީއައި ނިޒާމާ ރާއްޖެ ގުޅާލުމުން، ސިންގަޕޫރާއި ނޭޕާލަށްފަހު މިފަދަ ގުޅުމެއް ގާއިމުކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ ޔޫޕީއައި މެދުވެރިކޮށް އަހަރަކު އެތައް ޓްރިލިއަން ޑޮލަރެއްގެ މުއާމަލާތް ހިންގާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް 757 މިލިއަން މުއާމަލާތް ކުރެވޭ ފަސޭހަ އަދި އިތުބާރު ހުރި ޕްލެޓްފޯމެކެވެ.
ރާއްޖޭގައި މި ޚިދުމަތް ފަށާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި އަމިއްލަ ފަރުދުންގެ މެދުގައި ފައިސާ ބަދަލުކުރެވޭއިރު، ދެވަނަ ފިޔަވަހީގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިވަގުތު ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވޭ މި ޚިދުމަތް މެދުވެރިކޮށް، ކޮންމެ މީހަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސްއެވެ.
މި ފައިސާ ފޮނުވެނީ ތަޢުލީމީ، ބޭސްފަރުވާ އަދި އާއިލީ ބޭނުންތަކަށް އެކަނި ކަމަށްވާއިރު، ބޭންކުތަކަށް މި ލިމިޓް ކުޑަކުރުމުގެ އިޚުތިޔާރު އޮވެއެވެ.
އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތްތަނުގައި ފެށޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
ޔޫޕީއައި މެދުވެރިކޮށް ފައިސާ ފޮނުވާއިރު އެކައުންޓުގެ ސައްހަކަމާއި، އެކްސްޗޭންޖް ރޭޓް އަދި ފީތައް ކުރިއާލާ ބަލާލެވޭނެއެވެ.
ކުރިއަށް އޮތްތަނުގައި ކިއުއާރް ޕޭމަންޓް ފަދަ ހިދުމަތްތައް ތަޢާރަފުކުރުމުން ދެ ޤައުމުގެ މާލީ ގުޅުން ބަދަހިވެ، އާންމުންނަށް އަވަސް، ލުއިފަސޭހަ އަދި އަގުހެޔޮކޮށް ފައިސާ ފޮނުވުމުގެ މަގު ފަހިވާނެއެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެމްއޭއިން އެޅި މުހިއްމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާމެންދޫ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ
16 ގަޑިއިރު ކުރިން

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
16 ގަޑިއިރު ކުރިން

ގްލޯބަލް ދުކާން އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަަށައިފި
16 ގަޑިއިރު ކުރިން

މިހާތަނަށް ސައުދީ އިން ވަނީ ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީފޯރުކޮށްދީފައި: ސައުދީ ސަފީރު
16 ގަޑިއިރު ކުރިން


