
މިހާތަނަށް ސައުދީ އިން ވަނީ ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީފޯރުކޮށްދީފައި: ސައުދީ ސަފީރު

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 11:01
ވޭތުވެދިޔަ 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫޢުތަކަށް ސަޢޫދީ އަރަބިއްޔާއިން 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ބިން ހަސަން އަލް ގަހްތާނީ ވިދާޅުވެއްޖެއެވެ.
ސަޢޫދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަފީރު ދެއްވި ހާއްސަ މެސެޖެއްގައި ފާހަގަކުރެއްވި ގޮތުގައި، 1978 ވަނަ އަހަރުން ފެށިގެން އެ ގައުމުން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، ތަޢުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ދީލަތި އެހީތަކެއް ވެދެމުންނެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އިސްލާމީ ކަންކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް، ފަތުރުވެރިކަން، ތައުލީމު އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ސަޢޫދީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާގެ ގައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ސައުދީގެ ގައުމީ ދުވަހާއި ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓްގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަކީ ތާރީހީ އަދި އިސްލާމީ މަތިވެރި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ސަޢޫދީ ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާމެންދޫ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ
42 މިނިޓު ކުރިން

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ގަޑިއިރެއް ކުރިން

ގްލޯބަލް ދުކާން އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަަށައިފި
ގަޑިއިރެއް ކުރިން

ގުޅުން ބަދަހިކުރަން ރާއްޖެ އާއި ބަންގްލަދޭޝް އިން މަޝްވަރާކޮށްފި
4 ގަޑިއިރު ކުރިން


