އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވުމަކީ ރަނގަޅު ފެށުމެއް: ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް
ސައިފް އަޒުހަރު - 18 އޮކްޓޯބަރު 2024 - 08:32
ޝަންހާއީ ކޯޕަރޭޝަން ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށް ޕާކިސްތާނަށް ވަޑައިގެންނެވި ޢިއްޒަތްތެރިންނަށް މަރްހަބާ ދެންނެވުމުގެތެރެއިން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު (ވ)، އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސަލާމް ކުރައްވަނީ:
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވުމަކީ ރަނގަޅު ފެށުމެއް ކަމަށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މިދިޔަ އަންގާރަ އަދި ބުދަދުވަހު ވަޑައިގެން އުޅުއްވީ ޕާކިސްތާނުގައެވެ. އެއީ، ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށެވެ.
މި ބައްދަލުވުން ކުރިއަށްދިޔަ ދުވަސްތަކުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ސަލާމަތީ ފިޔަވަޅު އޮތީ ވަރަށް ވަރުގަދަ ކޮށްފައެވެ.
ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ބައްދަލުވުން ކަވަރކުރަން ޕާކިސްތާނަށް ދިޔަ ނޫސްވެރިންގެ ބަޔަކާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ، އިންޑިއާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ޒިޔާރަތް ކުރެއްވުމުގެ ސަބަބުން، ގުޅުންތައް ރަނގަޅުކުރަން ފުރުސަތު ފަހިގެންދާނެ ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.
ނަވާޒް ޝަރީފް ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނީ ވާހަކަ ދައްކައިގެން ކަމަށާއި، އެކަމަށް މަގުފަހި ކުރަންޖެހޭ ކަމަށެވެ. 2015 ގެ ފަހުން ޕާކިސްތާނާއި އިންޑިއާއާ ދެމެދު ސުލްހަވުމުގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
ނަވާޒް ޝަރީފްއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ އިތުރުން، ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގް – ނަވާޒް ޕާޓީގެ ރައީސެވެ. އަދި އޭނާއަކީ ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބޭފުޅުވެސް މެއެވެ.
ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ އަދި ވާދަވެރި ދެ ބާރު، ޕާކިސްތާނާއި އިންޑިއާގެ ގުޅުމުގައި އަބަދުވެސް އޮންނަނީ މައްސަލަ ޖެހިފައެވެ. އެންމެ ބޮޑަށް އަރާރުން ހިނގަނީ ކަޝްމީރުގެ މިލްކުވެރިކަމާ މެދުގައެވެ.
ޑރ. އެސް ޖައިޝަންކަރުގެ ޕާކިސްތާނު ދަތުރުފުޅަކީ، ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި އިންޑިއާގެ ޚާރިޖީ ވަޒީރަކު ޕާކިސްތާނަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރްއާއެކު "ނުރަސްމީ މުއާމަލާތެއް" ކުރެވުނު ކަމަށް ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނެފައި ވީނަމަވެސް، އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އެފަދަ އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ.