logo

ޔަހްޔާ ސިންވާރު އަވަހާރަކޮށްލި ކަމުގެ ޚަބަރަށް ހަމާސްއިން އަދި އެއްވެސް އެއްޗެއް ނުބުނޭ

profile

ސައިފް އަޒުހަރު - 17 އޮކްޓޯބަރު 2024 - 23:13

ޣައްޒާގައި ހުންނަވާ ހަމާސްގެ އިސް ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަ ކޮށްލެވިއްޖެ ކަމަށް އިސްރާއީލުގެ ވެރިންނާއި، ސިފައިންގެ ވެރިން ބުނަމުންދިޔަ ނަމަވެސް، އެކަމާ ގުޅޭގޮތުން ހަމާސްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިސްރާއީލު ސިފައިން ބުނަނީ، ޔަހްޔާ ސިންވާރު އަވަހާރަކޮށްލީ ޣައްޒާގެ ދެކުނުގައި ހަމާސްގެ އޮފިޝަލުން ތިބިތަނަކަށް ސަދަން ކޮމާންޑުގެ ފައުޖަކުން ދިން ހަމަލާތަކެއްގައި ކަމަށެވެ. އެ ހަމަލާގައި 3 މީހަކު މަރާލެވުނު ކަމަށާއި، އޭގެތެރެއިން އެކަކީ ޔަހްޔާ ސިންވާރު ކަމަށް، އިސްރާއީލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އިސްރާއީލު ފުލުހުން ބުނެފައިވަނީ، އެއީ ޔަހްޔާ ސިންވާރުކަން ޔަގީން ކުރުމަށްޓަކައި ޑީއެންއޭއާއި، ޑެންޓަލް ހެކި މިހާރު ތަހްލީލު ކުރަމުންދާ ކަމަށެވެ.

ޔަހްޔާ ސިންވާރަކީ، އިސްރާއީލުން އަވަހާރަކޮށްލަން އެންމެ ބޮޑަށް ބޭނުންވާ އެއް ބޭފުޅެކެވެ.

ޔަހްޔާ ސިންވާރު އަވަހާރަކޮށްލަން މީގެކުރިން އިސްރާއީލުން އެތައް ހަމަލާއެއް ދީފައި ވެއެވެ. އެގޮތުން، ކުރިން ދިން ހަމަލާތަކުގައި ސިންވާރުގެ އާއިލާގެ އެތައް ބޭފުޅުން އަވަހާރަ ކޮށްލާފައިވެސް ވެއެވެ.

އިސްރާއީލުގެ ފަރާތުން ނުރައްކާ އަންނާނެކަން އެނގިވަޑައިގެން ހުންނަވައިވެސް، ޔަހްޔާ ސިންވާރު ދިރިއުޅުއްވަމުން ގެންދެވީ ޣައްޒާގައެވެ.

ހަމާސްގެ އެހެން ލީޑަރުންނެކޭ އެއްފަދައިން ޔަހްޔާ ސިންވާރުވެސް ވިދާޅުވަމުން ގެންދެވީ، ފަލަސްތީނުގެ ބިމާއި، ވަޠަނަށްޓަކައި ޝަހީދުވެގެން ދިއުމަކީ ލިބޭނޭ އެންމެބޮޑު އުފަލެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ އުދުވާނުތައް ފުޅާކުރަމުންދިޔަ އެއް ބޭނުމަކީވެސް ޔަހްޔާ ސިންވާރު ހުންނެވި ތަނެއް ހޯދައި އޭނާ އަވަހާރަ ކޮށްލުމެވެ.

ހަމާސްވެސް އަދި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުންވެސް ތަކުރާރުކޮށް ބުނަމުން ގެންދަނީ، އެމީހުން ކުރަމުންދާ ޖިހާދުގައި މުހިންމީ ލީޑަރުން ނޫން ކަމަށާއި، އެމީޙުންގެ މަގްސަދު ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައިގައި މިހާތަނަށް ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާއާއި އެހެން އެތައް ލީޑަރުން އަވަހާރަ ކޮށްލާފައި ވާއިރު، ޖަމާއަތްތަކުން ބުނަނީ އެއް ލީޑަރު އަވަހާރަކޮށްލައިފިނަމަ ބަދަލުގައި 100 ލީޑަރުން އުފެދޭނޭ ކަމަށެވެ.

ޔަހްޔާ ސިންވާރު އަވަހާރަކޮށްލެވިއްޖެ ކަމުގެ ޚަބަރުތައް އާންމުކޮށް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ "ޣައްޒާއާއި، ލުބުނާނާއި، ސަރަހައްދުގައި" އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އަދި ނިމުނީކީ ނޫން ކަމަށެވެ.

https://int.etukuri.mv/
tel:+9607331319