
ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި

މުޙައްމަދު ފަޟްލޫން - 21 ޖޫން 2026 - 14:30
ރަޖިސްޓަރީ ނުކޮށް ތިބި ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭ އިން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފިއެވެ.
އެމްކިޔުއޭ އިން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެވިޑް ކޮލެޖުގައި ރަޖިސްޓަރީ ނުކޮށް ތިބި ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅު ފެންމަތިވެފައިވެއެވެ.
އެ ފަހަރު އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ.
ނަމަވެސް، އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދޫކޮށްފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މި އަމަލު ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އެންގުމަށްފަހު، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު އެވިޑް ކޮލެޖް ޖޫރިމަނާ ކޮށްފައިވާ ކަަމަށް އެމްކިޔުއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އެމްކިޔުއޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، ރާއްޖެއިން ބޭރުގައި އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމާބެހޭ އުސޫލުތަކާ ހިލާފަށް ކަންކަން ކުރުމަކީ މަނާކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާ މެދު ބައިނަލްއަގްވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
އެހެންކަމުން، އެއްވެސް ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ އެފަދަ ޕްރޮގްރާމެއް ހިންގުމުގެ ކުރިން، އެއީ އެމްކިޔުއޭ އިން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެމްކިޔުއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން

ޖަލުތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)