
ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެހިދުމަތްދޭ ތަންތަން ބަންދުކުރަން އަންގައިފި

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 11:05
ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ކަމަށް ތުހުމަތުކުރެވޭ އިމާރާތެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އަމުރު ނެރެފައިވަނީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ޚާއްސަކޮށްފައިވާ ބައި ބަންދުކުރުމަށެވެ. މި ތަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ "ޑްރަގް ކެފޭ" އެއްގެ ގޮތުގައި ހިންގާ ތަނެއް ކަމަށް ތުހުމަތު ކުރެވެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގައިވާ ގޮތުން، 2026 މެއި 27 އިން ފެށިގެން 85 ދުވަހުގެ މުއްދަތަށް އެ އިމާރާތް ބަންދުކުރަން ޖެހެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މުއްދަތުގައި، އެއްވެސް ހުއްދައެއް ނެތި އެ ތަނަށް ވަދެނުކުމެ އުޅުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ފުލުހުން ބަޔާންކުރި ގޮތުގައި، މި އެންގުމާ ޚިލާފުވާ ފަރާތްތަކަށާއި، އެ އިމާރާތަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، މިފަދަ ތަންތަން ބަންދުކުރުމުގެ އިޚްތިޔާރު ކޯޓުތަކަށް ލިބިފައިވަނީ 2026 މާރިޗު 7 އިން ފެށިގެންނެވެ. މި ގާނޫނީ އިސްލާހުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރަގް ކެފޭއެއް ބަންދުކުރުމުގެ އަމުރު ނެރުނީ މި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުންނެވެ. އެއީ މާލޭގެ ހ. ގުންޒަރު 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށެވެ.
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރާ ތަންތަން ދެނެގަނެ، އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.
ގާނޫނީ ގޮތުން ބަލާއިރު، މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއެކު، 100,000 ( އެއްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
ހަމައެއާއެކު، އަމިއްލަ ގޯތިގެދޮރާއި ތަންތަނުގައި މިފަދަ އަމަލުތައް ހިންގާކަން އެނގިހުރެ އެކަމަށް ހުއްދަދިނުމަކީ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްވެސް ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމެއްކަން ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
23 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)