logo

މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ

profile

އާމިނަތު ޝަޒްލާ - 29 މޭ 2026 - 14:13

މިއަހަރުގެ މިހާތަނަށް ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް، މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިބައިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ސަބްސިޑީއަށެވެ. ސަބްސިިޑީއަށް މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މިމުއްދަތުގައި ހޭދަ ކުރި 1.2 ބިލިޔަން ރުފިޔާ އާއި އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ އާމްދަނީ އާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވަނީ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުރި ތަފާސްހިސާބުތައް ހިމަނާފައެވެ. މި ރިޕޯޓުގައި ވާގޮތުން ސަބްސިޑީއާއި އެހީގެ ގޮތުގައި މިހާތަނަށް ޖުމްލަ 5.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 3.5 ބިލިޔަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 48 އިންސައްތަ އިތުރުވުމެކެވެ.

ސަބްސިޑީއަށް ފަހު އެންމެ ބޮޑު ހޭދައަށް ކޮށްފައިވަނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމަށެވެ. ކައުންސިލްތަކަށް މިއަހަރުގެ މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތަށް ދޫކޮށްފައިވަނީ 718 މިލިޔަން ރުފިޔާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 45.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް އާސަންދައަށް 804 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައިވަނީ 806 މިލިޔަން ރުފިޔާއެވެ. މިއަހަރުގެ މިމުއްދަތުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް 91.5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި 113 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk