
ޖަލަށް ވައްދަން އުޅުނު 5 ޑްރޯން ހިފަހައްޓައިފި

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 13:41
މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް ޖަލަށް ތަކެތި އެތެރެކުރަން އުޅުނު ފަސް ޑްރޯންއެއް އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޖަލުތަކުގެ ސަލާމަތީ ކަންކަން ހުރި ގޮތާމެދު އާންމުންގެ މެދުގައި އަބަދުވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރެއެވެ.
ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާއިރު، މިފަދަ ކުށްތައް ހިންގުމުގައި ޖަލުގައި ތިބޭ ގައިދީން އިސްދައުރެއް އަދާކުރާކަން ވަނީ ފާހަގަކުރެވިފައެވެ. ޖަލަށް ފޯނާއި، އެހެނިހެން އިލެކްޓްރޯނިކް ސާމާނުގެ އިތުރުން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައި ވީނަމަވެސް، ވޭތުވެދިޔަ ތަނުގައި މިކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
ރާއްޖޭގައި ނިޒާމީ ގޮތެއްގައި ޖަލުތައް ހިންގަން ފެށީއްސުރެ މިހާތަނަށް، ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނެތް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކުށްވެރިން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުށްތަކަށް އަރައިގަންނަމުންދާއިރު، އެކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ކޮމިޝަނަރ ފާޅުކުރެއްވިއެވެ.
ރަމަޟާން މަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ޑްރޯންތައް ހިފަހައްޓާފައިވަނީ، ސެކިއުރިޓީ ބެލެހެއްޓުމަށް 24 ގަޑިއިރު ތިބޭ އޮފިސަރުންގެ ހުޝިޔާރުކަމާއެކުކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، މިއަހަރުގެ ފެބުރުވަރީ މަހު އެ ޖަލުގައި ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓާފައެވެ.
މީގެ އިތުރުން، ބެގޭޖް ސްކްރީން ކުރާ ސިސްޓަމްތައް މިހާރު ޖަލަށް ގެނެވިފައިވާ ކަމަށާއި، އިންސްޓޯލްކުރުމުގެ މަސައްކަތް ނިމި މިމަހުގެ ތެރޭގައި އެ ހިދުމަތް ދޭން ފެށޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
ޖަލުތަކުގެ އަމާންކަން ކަށަވަރުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ސެންޓްރަލް ޖަލެއް ބިނާކޮށް ޖަލުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.






.gif&w=3840&q=75)