
ޒަމީރު އިސްތިއުފާ ދިނީ ދަރަނީގެ މައްސަލައިގައި: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 13:15
ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ މަޑަވެލި އަދި ހޯޑެއްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވީ ދައުލަތުގެ ދަރަނި މެނޭޖް ކުރާނެ ވެސް އެއްވެސް ގޮތެއް މި ސަރުކާރަށް ނޭނގިގެން ކަމަށެވެ.
ދިވެހިރާއްޖެ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ނުވަތަ ހަތަރު އަނގޮޅި ކަންމަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އާއިލާތަކުގެ ތަނަވަސްކަން އިތުރުނުކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެކަން ބަޔާންކުރައްވައި، ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އެމްޑީޕީ ވަރުގަދަކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަކީ މުޅި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މައި ތަނބުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މީގެ ކުރިންވެސް ގައުމަށް ފާގަތިކަން ގެނެސްދިނީ އެ ޕާޓީން ކަމަށެވެ. ކުރިމަގުގައިވެސް ރައްޔިތުންގެ އާމްދަނީ އުފުލައިދީ، ގައުމުގެ މިސްރާބު ރަނގަޅު މަގަށް އަޅުވައިދިނުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
ޗެއަރޕާސަން އިންތިހާބު ބާއްވަން އެމްޑީޕީ އިން ކަނޑައަޅާފައިވާ ތާރީހަކީ މި ޖޫން މަހުގެ 12 ވަނަ ދުވަހެވެ.






.gif&w=3840&q=75)