
މަރުވި އިޓަލީ ޑައިވަރުންގެ ޕޯސްޓްމޯޓަމް ހަދަނީ

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 11:30
ރާއްޖޭގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑުތަކުގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
އިޓަލީގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ކުރެވުނު ތަހުލީލުތަކުން އެ މީހުން މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. އިޓަލީގެ ލޮމްބާޑީ ސަރަހައްދުގެ ވައެރޭސޭގައި ހުންނަ ގަލަރޭޓް ހޮސްޕިޓަލުގައި އިއްޔެ ފެށި މި ތަހުގީގީ މަސައްކަތްތަކުން، މިހާތަނަށް ބެލި ބެލުމުގައި ހަށިގަނޑުން އާދަޔާ ހިލާފު އެއްވެސް ކަމެއް ފެނިފައެއް ނުވެއެވެ. ނަމަވެސް، މެޑިކޯ ލީގަލް މާހިރުން ވިދާޅުވާ ގޮތުގައި މަރުގެ އަސްލު ސަބަބު ކަށަވަރު ކުރެވޭނީ ހަށިގަނޑުން ނެގިފައިވާ ސުންކުތަކުގެ ޓޮކްސިކޮލޮޖީ އަދި ހިސްޓޮލޮޖިކަލް ތަހުލީލުތަކަށް ފަހުގައެވެ.
މި ތަހުގީގުތައް ކޯޑިނޭޓް ކުރައްވަނީ ޕަވިއާ ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިންގެ ފޮރެންސިކް ސައިންޓިސްޓް ލޫކާ ތަޖާނާއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެންމެ ބޮޑަށް ބެލެވެނީ އެ މީހުން މަރުވީ ނޭވާ ހާސްވެ، ގެނބިގެން ކަމަށެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ޑައިވިންއަށް ދިޔަ ގުރޫޕަކަށެވެ. މި ހާދިސާގައި މަރުވެފައިވަނީ:
ޖިއަންލޫކާ ބެނެޑެޓީ
ފެޑެރިކޯ ގުއަލްޓިއޭރީ (30 އަހަރު)
މޮނިކާ މޮންޓެފަލްކޯން (ޔުނިވާސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް)
ޖިއޯޖިއާ ސޮމަކާލް (މޮނިކާގެ ދަރިފުޅު)
މުރިއަލް އޮޑެނީނޯ
މި ހާދިސާގައި ނިޔާވި މޮނިކާ މޮންޓެފަލްކޯން (52 އަހަރު)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20 އަހަރު)، މުރީއެލް އޮޑެނިނޯ (31 އަހަރު) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31 އަހަރު) ގެ ހަށިގަނޑު ފެނިފައިވަނީ ހޮހޮޅައިގެ އެންމެ ފުނުން، ތިންވަނަ ޗެމްބަރުގެ ދޮރުމަތީގައި އޮއްވައެވެ.
އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ކަނޑުގެ 165 ފޫޓު އަޑިންނެވެ.
އެމީހުންގެ ޑައިވިން އިންސްޓްރަކްޓަރު، ޖިއަންލޫކާ ބެނެޑެޓީ (44 އަހަރު) ގެ ހަށިގަނޑު ފެނިފައިވަނީ އެ ޗެމްބަރަށް ވަންނަ ދޮރު ކައިރިންނެވެ.
އޭނާގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވާލާފައެވެ.
މި ހާދިސާގައި ނިޔާވި ޖިއަންލޫކާ އާއި ފެޑެރިކޯގެ އޮޓޯޕްސީ އިއްޔެ ނިންމާލާފައިވާއިރު، މޮނިކާ، ޖިއޯޖިއާ އަދި މުރިއަލްގެ އޮޓޯޕްސީގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވަކިން ހާއްސަކޮށް، މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ޓީމުން ރާއްޖެއަށް ކުރި މި ދަތުރަކީ ޔުނިވާސިޓީގެ ރަސްމީ ސައިންޓިފިކް މިޝަނެއްގެ ދަށުން ކުރި ދަތުރެއްތޯ ނުވަތަ އަމިއްލަ ދަތުރެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޔުނިވަރސިޓީން އެއީ ރަސްމީ މަސައްކަތެއް ނޫން ކަމަށް ބުނި ނަމަވެސް، އާއިލާތަކުގެ ވަކީލުން ވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން، ޑައިވަރުން ބޭނުންކުރި ގޯޕްރޯ ކެމެރާތަކުގެ ފުޓޭޖްތައް ދިރާސާކޮށް، އެހާ ނުރައްކާތެރި ފުން ހޮހަޅައަކަށް އެމީހުން ވަންނަން މެދުވެރިވި ސަބަބު ދެނެގަތުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފޮރެންސިކް މާހިރު ލޫކާ ތަޖާނާގެ ފައިނަލް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވެސް އަންނަނީ ބޭނުންވާ މައުލޫމާތުތައް އެއްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭން ހިމަބިހީގެ އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވައަކަށް!
ގަޑިއިރެއް ކުރިން

މާލެ ސަރަހައްދުން މިމަހުގެ މިހާތަނަށް ހިމަބިހީގެ 6 ކޭސް ފެނިއްޖެ
3 ގަޑިއިރު ކުރިން

އީދު ނަމާދު ގަޑީގައި ބަސް ދަތުރު ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)