logo

އެއް އަހަރު ތެރޭ ތަކުރާރުކޮށް އުމްރާ ކުރެވޭ ޚާއްސަ ވިސާއެއް ސައުދީން ތައާރަފްކޮށްފި

profile

އާމިނަތު ޝަޒްލާ - 20 ޖުލައި 2026 - 13:30

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން، އެއް އަހަރު ދުވަހުގެ ތެރޭގައި ތަކުރާރުކޮށް އުމްރާގެ އަޅުކަން އަދާކުރެވޭނެ އާ ވިސާއެއް ތައާރަފްކޮށްފިއެވެ.

https://wamco.com.mv/

ސައުދީ ސަރުކާރުން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ އެ ގައުމުގެ "ސައުދީ ވިޝަން 2030" އާއި އުމްރާ ޕްރޮގްރާމްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެކެވެ. މީގެ މައިގަނޑު މަގްސަދަކީ ސައުދީ އަރަބިއްޔާއަށް އަންނަން ބޭނުންވާ މީހުންނަށް މަގުފަހިކޮށްދިނުމާއި، އުމްރާވެރިންގެ ތަޖުރިބާތައް އިތުރުކޮށް، އެފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ރަނގަޅު ކުރުމެވެ.

މި ޚާއްސަ ވިސާގެ ދަށުން، ވިސާގެ މުއްދަތުގެ ތެރޭގައި ދަތުރުވެރިންނަށް ޖުމްލަ 90 ދުވަހާ ހަމައަށް ސައުދީގައި މަޑުކުރެވޭނެއެވެ. ނަމަވެސް، ކޮންމެ ދަތުރެއްގައި ވެސް ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ ފަރާތްތަކެއް މެދުވެރިކޮށް ޚިދުމަތްތަކުގެ ޕެކޭޖް ގަންނަން ޖެހޭނެއެވެ. އަދި އުމްރާގެ ހުއްދަ ހޯދަން ޖެހޭނީ "ނޫސުކް" ޕްލެޓްފޯމް މެދުވެރިކޮށެވެ.

މީގެ އިތުރުން، ކޮންމެ ދަތުރެއް ނިންމާފައި ފުރުމުން ވިސާ ޑިއެކްޓިވޭޓް ކުރެވޭނެއެވެ. އެހެންކަމުން، އުމްރާވެރިން އަލުން އެނބުރި އައުމުގެ ކުރިން، އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ބޭނުންވާ ޝަރުތުތައް ފުރިހަމަވޭތޯ ކަށަވަރުކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް، ހައްޖުގެ މޫސުމުގައި މި "މަލްޓިޕަލް އެންޓްރީ" ހުއްދަ ބޭނުން ނުކުރެވޭނެ ކަމަށް ސައުދީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކުރިއަށް އޮތް އަހަރުތަކަށް ބަލާއިރު، 8 އޭޕްރީލް 2027 އިން ފެށިގެން 19 މެއި 2027 އާ ހަމައަށް މި ވިސާގެ ދަށުން އުމްރާ ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

މި އާ އުސޫލުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް ދާން ބޭނުންވާ މުސްލިމުންނަށް، ވަކިން ހާއްސަކޮށް އެއް އަހަރު ތެރޭ އެތައް ފަހަރަކު ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk