logo

ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި

profile

އާމިނަތު ޝަޒްލާ - 20 ޖުލައި 2026 - 11:44

ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢަކީ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް" (ޕޮއިސްޑް) ގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

undefined

ރ. ކިނޮޅަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ނިޒާމުތައް އިފްތިތާހުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސެއިން އާއި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު އަދި ފިނޭންސް މިނިސްޓްރީ އާއި ކިނޮޅަހު ކައުންސިލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، އަލަށް އިފްތިތާހުކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ހިމެނެއެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި، ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.

މި ނިޒާމު ގާއިމުކުރެވުނު ރަށްތައް:

ރ. އަތޮޅުން: އަލިފުށި، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، އިނގުރައިދޫ، ފައިނު، މީދޫ، ކިނޮޅަސް، އަދި ހުޅުދުއްފާރު.

ބ. އަތޮޅުން: ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދު، ދޮންފަނު، ދަރަވަންދޫ، މާޅޮސް، އޭދަފުށި، ތުޅާދޫ، ހިތާދޫ، ފުޅަދޫ، އަދި ފެހެންދޫ.

މި ރަށްތަކާއެކު، ޕޮއިސްޑް މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 97 ރަށެއްގައި މަސައްކަތް ނިމި، 19.8 މެގަވޮޓުގެ ސޯލާ ޕީވީ އާއި 20.6 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން 23 ރަށެއްގައި މިހާރު ކުރިއަށްދާ މަސައްކަތްތައް 2027 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ލަފާކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk