
ތިލަފުށީ ބަނދަރުގެ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ސީ.އެޗް.އީ.ސީ އަށް

އާމިނަތު ޝަޒްލާ - 20 ޖުލައި 2026 - 13:36
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑްއާއި ޗައިނާ ހާބަރއިންޖިނިއަރިންގ ކޮމްޕެނީއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް މިއަދު އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަރަސްމިއްޔާތެއްގައެވެ. އެމް.ޕީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯކެޕްޓަން ހުސައިން ޝަފީޤުއެވެ. އަދި ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީމެނޭޖަރު މާއޯ ބާއޯ އެވެ.

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިއްމު އެތައް މައްސަލައަކަށް ހައްލުހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށްއަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، މުދާއުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.
އެގޮތުން ދުނިޔޭގެ ބަނދަރު ހެދުމަށް ޤާބިލް ކުންފުންޏެއްކަމަށްވާ، ސީ.އެޗް.އީ.ސީ އާއެކު ވެވުނު މިއެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީޙައްލެއް ހޯދުމަށްޓަކައި 11 ނޮވެމްބަރ 2027ގެ ނިޔަލަށް، ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެކެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް 01 ޖޫން 2026 ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކުރެވިފައެވެ. އެގޮތުން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން ހިމެނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްގެ އިތުރުން، މާލޭގެނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަކޮށްގެން 2،000 މީޓަރަށް ވުރެން ދިގު ކީ-ވޯލް ހިމެނޭގޮތަށް ޑޮމެސްޓިކް ޓަރމިނަލްއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ، މާލޭ ވިޔަފާރި ބަނދަރުގެ ބިމުގެ ޖާގައަށްވުރެ، 10 ގުނަ ބޮޑު ސަރަހައްދެކެވެ. އެހެންކަމުން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މާލޭ ބަނދަރަށް އަންނަ ބައެއް ކޮންޓޭނަރު އުފުލާ އުޅަނދުތަކަކީ މަގަތު ފާލަމަށް ކައިރި ކުރެވޭޭވަރަށްވުރެ ބޮޑެތި އުޅަނދުތަކެވެ. މިފަދަ އުޅަނދުތަކުން މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ އައުޓަރ އެންކަރޭޖްގައި ބާއްވައިގެންނެވެ. މިއީ، ވަރަށް ގިނަ ވަގުތު ހޭދަވާ އުނދަގޫ އަދި ޚަރަދު ބޮޑު އޮޕަރޭޝަނެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި، މާލޭ ވިޔަފާރި ބަނދަރުގެ ކީ-ވޯލްއަށް ވުރެ 3 ގުނަ ދިގު އިންޓަރނޭޝަނަލް ކީ-ވޯލްއެއް 2027ގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ތަރައްޤީކުރެވޭނެއެވެ. އެހެންކަމުން މިހާރު މާލޭ ބަނދަރުގައި ކުރިއަށް ގެންދާ ކޮންޓޭނަރ ބޯޓުފަހަރުގެ އައުޓަރ އެންކަަރޭޖް އޮޕަރޭޝަންތައް ހުއްޓާލެވޭނެއެވެ.
ކޮންޓޭނަރު އުފުލާ ބޯޓުފަހަރުތައް މުދާ ބާލާނީ، އެ އުޅަނދެއްގައި ހުންނަ ކެރޭން ބޭނުންކޮށްގެންނެވެ. މިގޮތަށް މި މަސައްކަތް ކުރާ އިރު ބޯޓުގެ ކެރޭނަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މުދާ ބޭލުމުގެ މަސައްކަތް ހުއްޓި، އޮޕަރޭޝަނަށް ބުރޫ އަރައެވެ. އެހެންނަމަވެސް ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަށް ގެންޓްރީ ކެރޭނާއި މޯބައިލް ހާބަރ ކެރޭން ފަދަ ކޮންޓޭނަރ ބޭލުމަށް ޚާއްސަ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ މުދާ ބޭލުމުގައި މިހާރު ހޭދަވާ ވަގުތު ކުޑަކޮށް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް މަތި ކުރެވޭނެ ބަދަލުތަކެކެވެ.
މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ގާތްގަނޑަކަށް 7 ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް، އައު ބަނދަރުގެ ޚިދުމަތް ފެށުމުން މިވަގުތު ގާތްގަނޑަކަށް 2 ދުވަހުގެ މުއްދަތަށް ކުޑަވެގެންދާނެއެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިންގ ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެއިތުރުން ބަނދަރުގެ ސަރަހައްދުން ޒަމާނީ ވެއަރހައުސްގެ ޚިދުމަތް ލިބި، ކޮންޓެއިނަރ ކްލިއަރަކުރުމުގެ އޮޕަރޭޝަންސްތައް ލުއިފަސޭހަވެގެންދާނެއެވެ.
ތިލަފުށީ ބަނދަރުގައި ޤާއިމްކުރެވޭ ވަޞީލަތްތަކާއެކު، މިހާރު އަންނަ ބޯޓުފަހަރަށްވުރެ ބޮޑެތި ބޯޓު އަންނަން ފެށުމުން މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގު ފަހިވެގެންދާނެ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެއް އަހަރު ތެރޭ ތަކުރާރުކޮށް އުމްރާ ކުރެވޭ ޚާއްސަ ވިސާއެއް ސައުދީން ތައާރަފްކޮށްފި
17 ގަޑިއިރު ކުރިން

ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި
19 ގަޑިއިރު ކުރިން

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު: އާޒިމް
19 ގަޑިއިރު ކުރިން
ހަނގުރާމަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން މަރުވެއްޖެ
19 ގަޑިއިރު ކުރިން


.gif&w=3840&q=75)