
ރާއްޖެއަށް އިލެކްޓްރިކް ވޯޓަރ ޓެކްސީ ތައާރަފްކުރަނީ

މުޙައްމަދު ފަޟްލޫން - 19 ޖޫން 2026 - 08:21
ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ތިމާވެއްޓާ ރައްޓެހި އުސޫލުތަކަކަށް ބައްޓަންކުރުމަށްޓަކައި، 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު އިލެކްޓްރިކް ވޯޓަރ ޓެކްސީ ތަޢާރަފުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ އެމެރިކާގެ މެރިޓައިމް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ނޭވިއަރ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ 'ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް' ގުޅިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 100 އިލެކްޓްރިކް ވޯޓަރ ޓެކްސީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި ގެނައުމަށް ހަމަޖެހިފައިވަނީ ނޭވިއަރ އެން30 މަރުކާގެ ފަސް އުޅަނދެވެ.
މި އުޅަނދުތައް މިއަހަރުގެ ތެރޭގައި ރާއްޖެ ގެނެސް، ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އަދި ބާކީ ހުރި 95 އުޅަނދު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފިޔަވަހިތަކަކަށް ބަހާލައިގެން ރާއްޖެ ގެނައުމަށް ވަނީ ނިންމާފައެވެ.
ނޭވިއަރގެ ފައުންޑަރ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިޔާ ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ބޮޑުބައެއް ކަނޑުގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް ވުމުން، މިއީ ތިމާވެއްޓާ ރައްޓެހި، އަޑުމަޑު އަދި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށް އެންމެ އެކަށީގެންވާ މާޙައުލެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި އުޅަނދުތަކެއް ތަޢާރަފުކުރުމެއް ނޫނެވެ. މިއީ ދުނިޔޭގައި ފެނުމަތީގައި ޤާއިމުކުރެވޭ ފުރަތަމަ ދެމެހެއްޓެނިވި ލަގްޒަރީ ދަތުރުފަތުރުގެ ވިއުގައެވެ.
ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމަކަށް ރާއްޖެ ވުމާއެކު، މިއީ ކަނޑުދަތުރުފަތުރުގެ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި މަޝްރޫއުގެ ދަށުން ތައާރަފުކުރާ 'ނޭވިއަރ އެން30' އުޅަނދުތަކަކީ ތަރައްގީވެފައިވާ ހައިޑްރޯފޮއިލް އީޖާދު ބޭނުންކޮށްގެން، ފެނުން މައްޗަށް އުފުލިގެން ދަތުރުކުރާ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.
ކަރަންޓުން ބޭނުންކުރާނަމަ އެއްފަހަރު ޗާޖުކޮށްގެން 75 ނޯޓިކަލް މޭލަށް ދަތުރުކުރެވޭ މި އުޅަނދުތަކުގައި، ހައިބްރިޑް ނިޒާމުގެ އެހީގައި 150 ނޯޓިކަލް މޭލުގެ ރާސްތާއެއް ކަޑަތުކުރެވޭނެއެވެ.
ފަސިންޖަރުންގެ އަރާމާއި ފަސޭހައަށް އިސްކަންދީގެން ތައްޔާރުކޮށްފައިވާ މި އުޅަނދުތަކުގައި ފިނިކުރި ކެބިންތަކާއި، ލަގްޒަރީ ސީޓިންގްގެ އިތުރުން ސްޓާލިންކް ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބެން ހުންނާނެއެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދިނުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް މަގުސަދުކަން ދެ ކުންފުނިންވެސް ފާހަގަކުރެއެވެ.
މި އައު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރާއްޖޭގެ އެއާޕޯޓުތަކާއި، ރިސޯޓުތަކާއި، އަމިއްލަ ވިލާތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް އެއްފިއުލްއަކުން ގުޅާލެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި
2 ގަޑިއިރު ކުރިން

ތެލުގެ އަގު އުފުލެން ފަށައިފި
2 ގަޑިއިރު ކުރިން

ވިލިމާލޭ ތަރައްޤީއާ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން: މުޙައްމަދު އިސްމާޢީލް
2 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)