
ވިލިމާލޭ ތަރައްޤީއާ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން: މުޙައްމަދު އިސްމާޢީލް

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 11:47
މާޒީގައި ރާއްޖޭގެ ވެރިކަން ކުރި ސަރުކާރުތަކާ ޚިލާފަށް، ވިލިމާލޭގެ ތަރައްޤީއަށާއި އެ އަވަށުގެ ރައްޔިތުންގެ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ ވިލިމާލޭގައި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފްވި ފަހުން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ވިލިމާލެއަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިލިމާލެއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ސަރުކާރުން ވިލިމާލޭގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަޝްރޫޢުތަކެއް ފަރުމާކޮށް ހިންގަމުންދާކަންވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ފާއިތުވި 15 އަހަރުގެ ތެރޭގައި ވިލިމާލެ އޮތީ އިހުމާލުކޮށްލެވިފައި ކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަކި ރަށެއް ތަފާތު ނުކުރުމުގެ ހަމަހަމަ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވައި، އެންމެ މުހިންމު ބޭނުންތައް ފުއްދައިދިނުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި
ގަޑިއިރެއް ކުރިން

ތެލުގެ އަގު އުފުލެން ފަށައިފި
2 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
2 ގަޑިއިރު ކުރިން

މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ: ރައީސް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)