
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 11:47
އަމިއްލަ ނަފުސަށް އިތުބާރުކުރާ، އިސްލާމީ އަޤީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު" ޕްރޮގްރާމުގެ ދެވަނަ ބުރު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. "ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމް" ގެ މައިގަނޑު މަޤްޞަދަކީ ޤައުމިއްޔަތަށް ލޯބިކުރާ، އަޚުލާޤީ ގޮތުން ހަރުދަނާ، އަދި ފަންނީ ހުނަރުވެރިކަން ލިބިފައިވާ އިޚުލާޞްތެރި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ.
16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މި ބުރުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ. ތަމްރީނުތަކުގައި ބައިވެރިވުމަށްޓަކައި ހުރިހާ ދަރިވަރުން ވެސް ވަނީ މި ޖޫން މަހުގެ 3 ވަނަ ދުވަހު ބ. ކިހާދޫއަށް ރިޕޯޓްކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ދަރިވަރުންގެ ޢަޒުމް އައުކޮށްދެއްވީ އެ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ މޭޖަރ ޙުސައިން ޝާހިދެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ދަށުން އޮޓޯމޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރިކަލް މަސައްކަތް، ރެފްރިޖެރޭޝަން، ވެލްޑިންގ، އަދި އޮފީސް މެނޭޖުމަންޓް ފަދަ މުހިންމު ސިނާޢީ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދެވޭނެއެވެ. 4 މަސް ދުވަހުގެ މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ އެ ދާއިރާތަކުން ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސިފައިންގެ ފަންނީ އިންސްޓްރަކްޓަރުންނެވެ.
ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންގެ އިތުރުން ތަމްރީނުވާ ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑަރާއި، ނޭޝަނަލް ސަރވިސްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ގުޅުން ހުރި ޙަބަރުތައް

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި
ގަޑިއިރެއް ކުރިން

ތެލުގެ އަގު އުފުލެން ފަށައިފި
2 ގަޑިއިރު ކުރިން

ވިލިމާލޭ ތަރައްޤީއާ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން: މުޙައްމަދު އިސްމާޢީލް
2 ގަޑިއިރު ކުރިން

މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ: ރައީސް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)