logo

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:46

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކޮށް، އެއްވެސް ބަދަލަކާ ނުލައި ބިލު ފާސްކުރުމަށް ނިންމީ 69 މެންބަރުންގެ ތާއީދާއެކުއެވެ. މި ބިލަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލާ ގުޅޭގޮތުން ބަހުސް ކުރެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ސިނގިރޭޓުގެ ޑިއުޓީ ބޮޑުވުމުގެ ސަބަބުން އަގު އިންތިހާއަށް އުފުލި، ޒުވާނުން ބިޑި އޮޅަން މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންކަމުން، މި އިސްލާހަކީ ޒުވާނުންގެ އެ ކަންބޮޑުވުންތަކަށް ލިބޭނެ މުހިންމު ހައްލެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މި އިސްލާހު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމުން، ސިނގިރޭޓު ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 130 ރުފިޔާއަށް ތިރިވާނެ ކަމަށް ބެލެވެއެވެ. މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ސްޕެސިފިކް ރޭޓް ޑިއުޓީ، މި އިސްލާހުގެ ދަށުން 4 ރުފިޔާ އަށް ކުޑަވެގެންދާނެއެވެ.

މި ބިލުގައި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު 50 އިންސައްތައިން 30 އިންސައްތައަށް ދަށްކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާހުތައް ހުށަހެޅުމުގެ މައިގަނޑު އެއް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެގޮތުން، ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ އިސްތިސްނާކުރުމަށް (މާފުކުރުމަށް) މި ބިލުގައި ވަނީ ހިމަނާފައެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk