
މޭރީގެ މަރުގެ މައްސަލައިގައި މާވިން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:42
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަން އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން މާވިންގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ދައުލަތުން އެދިފައިވަނީ، ކުށުގެ ކަނޑައެޅިފައިވާ އަސާސީ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމަށެވެ.
މި މައްސަލައިގައި ދައުލަތުން ފާހަގަކުރި ގޮތުގައި، މާވިންގެ މި ރަހުމުކުޑަ އަމަލުގެ ސަބަބުން، އޭނާގެ ފަރާތުން ރައްކާތެރިކަން ލިބެންޖެހޭ އަނބިމީހާގެ ފުރާނަ ގެއްލި، އެ ދެމަފިރިންގެ މައުސޫމް ދަރިފުޅު ވަނީ މަންމަގެ ލޯބިން މަހުރޫމްވެފައެވެ. ނަމަވެސް، މާވިންގެ ފަރާތުން އެދިފައިވަނީ މި ކުށަށް ދެވެން އޮތް އެންމެ ލުއި އަދަބު ކަނޑައަޅައިދިނުމަށެވެ.
މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނަސީރު ކުރެއްވި ހުކުމުގައި ވަނީ، ދައުލަތުން އެދުނު ފަދައިން 25 އަހަރުގެ ޖަލު ހުކުމެއް މާވިންގެ މައްޗަށް އިއްވަވާފައެވެ.
ގާޒީ ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ކުށެއް ނެތް މޭރީ މަރާލުމަށްފަހު، އެކަން ފޮރުވައި އެއީ އަމިއްލައަށް މަރުވުން ކަމަށް ދެއްކުމަށް މާވިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ޝަރީއަތުގެ މަރުހަލާގައި ހާމަވި ގޮތުގައި، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުން ވަނީ ހެކިބަސް ދީފައެވެ.
މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.
މީގެއިތުރުން، މީހަކު ހާސްކޮށްލައިގެން މަރާލާނެ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އެފަދަ ފޮޓޯތަކެއް ގެންގުޅުނު ސަބަބު އޭނާއަށް ޝަރީއަތުގައި ސާފުކޮށްދެވިފައެއް ނުވެއެވެ.
މާވިން މިހާތަނަށް ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 4 ދުވަސް އުނިކުރުމަށްފަހު، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލުގައި ހުރި ދުވަސްތަކުގައި މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އޭއައި ތަޢާރަފުކުރުމަށް ނިންމައިފި
ގަޑިއިރެއް ކުރިން

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
3 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
3 ގަޑިއިރު ކުރިން

އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާ ގެ ދަށަށް ބަދަލުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)