logo

މާލެ ސިޓީ، ތޮއްޖެހުން ކުޑަކުރުމަށް ސިޓީ ކައުންސިލުން ސަރވޭއް ފަށައިފި

profile

އާމިނަތު ޝަޒްލާ - 30 ޖޫން 2026 - 17:33

މާލޭ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ފައިމަގުގައި އުޅޭ މީހުންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި "އާބަން މޮބިލިޓީ ސާވޭ" ގެ ނަމުގައި މާލޭ ސިޓީ ކައުންސިލުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

މި ދިރާސާއަކީ މާލޭގެ ދަތުރުފަތުރުގެ މިހާރުގެ ހާލަތު ވަޒަންކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ވެސް ޔޫއެންއެސްކެޕް އިންނެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމްގެ އިސްނެންގެވުމަށް ކުރިއަށްގެންދާ މި ސާވޭއާ ގުޅޭގޮތުން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޗީފް ކެޓްރިން ލޫގާ ވަނީ މިދިޔަ އޭޕްރީލް މަހު މޭޔަރާ ބައްދަލުކުރައްވައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ ގޭބިސީތަކުގައި އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި، ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން، މިހާރުގެ ނިޒާމުގައި ހުރި ދަތިތަކަށެވެ. މީގެ ބޭނުމަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމެވެ.

މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 1،000 އަށްވުރެ ގިނަ ގޭބިސީން ވަނީ މައުލޫމާތު ހޯދާފައެވެ.

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ދިރާސާއިން ލިބޭ ނަތީޖާތަކާ މެދު މަޝްވަރާކުރުމަށް އަންނަ މަހުގެ 20 އަދި 21 ގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުފަތުރުގެ ދާއިރާގެ ކަމާބެހޭ މާހިރުން ބައިވެރިވާ މި ބައްދަލުވުމުގައި، ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk