
ހޯމް މިނިސްޓަރ އިމްރާން
ގިނަ ދިވެހިން އެދޭ ގޮތަށް ވެރިކަން ކުރެވޭނެ ގޮތެެއް ސިޔާސީ ލީޑަރުން ހޯދަން ޖެހޭ - އިމްރާން

އަހުމަދު ޒަލީފު - 07 ޖެނުއަރީ 2023 - 09:07
ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ގިނަ ދިވެހިންގެ ވިސްނުމާއި އެއްގޮތަަށް ވެރިކަން ކުރެވޭނެ ގޮތެއް ހޯދުމަކީ ސިޔާސީ ލީޑަރުން ކުރަން ވެއްޖެ ކަމެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެންމެ ރަނގަޅު ވެރިކަމެއް ކުރެއްވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވަނީ ވިދާޅުވެފައެވެ.
ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށާއި، އަމިއްލަ ނަފްސު އިސްލާހު ނުކޮށް ގައުމާއި ރައްޔިތުންނަށް ރަނގަޅު ގޮތް ނުހޯދޭނެ ކަމަށް ބުނެ މީގެ ކުރިން ތަފާތު ދެ ޓުވީޓެއް އިމްރާން ކުރައްވާފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ވަނީ ގައުމުގެ މަސްލަހަތާ ގުޅިފައި ކަމަށާއި އެކަމަށް އެމްޑީޕީގެ މެމްބަރުން ވިސްނުމަށްވެސް އިމްރާން ވަނީ އެދިވަޑައިގަންނަވާފައެވެ.
އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އާއި އަދާލަތު ޕާޓީ އާ ސީދާ ގުޅުން ނެތަސް، ގައުމީ މަސްލަހަތާ ގުޅުން ހުރި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތަށް އެބަހުރި ކަމަށެވެ.
ވީއިރު އެމްޑީޕީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މިކަމަށް ފުންކޮށް ވިސްނާ ވަޑައިގަތުން މުހިންމު - އިމްރާން
އެމްޑީޕީގެ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލެވެއެވެ. ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 18 އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީއެވެ.