
ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވާނެ: މެޑަމް ސާޖިދާ

ޝަހްޒާ މުޙައްމަދު - 16 މާރިޗު 2026 - 20:09
ދަރިފުޅަށް ދެ އަހަރު ފުރެންދެން ވަޒީފާ އަދާކުރާ މައިންނަށް ދޭ ހާއްސަ ވަގުތު އިތުރުކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ފަންނީ މަސައްކަތާއި އާއިލީ ޒިންމާތައް ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން މައިންގެ ދުޅަހެޔޮކަން އިތުރުވެ، ދަރިފުޅަށް ގާތުން ދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ނިއުޓްރިޝަން ޓާގެޓްތައް ހާސިލްކުރުމަށްވެސް ލިބޭ ބޮޑު ބާރެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"މި މުހިންމު ފިޔަވަޅަކީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ފަންނީ އަދި އާއިލީ ޒިންމާތައް ބެލެންސް ކުރުމަށް އެހީތެރިވެދޭނެ ކަމެއް،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު އައު އިސްލާހުގެ ދަށުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިންމުމަށްފަހު ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދޭ ހުސްވަގުތުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ކުރިން އޮތް ގޮތުން މި ވަގުތު ދޭންޖެހެނީ ދަރިފުޅަށް އެއް އަހަރު ފުރެންދެން ކަމަށްވީ ނަމަވެސް، އައު އިސްލާހާއެކު ދަރިފުޅަށް ދެ އަހަރު ވަންދެން މި ފުރުޞަތު ލިބިގެންދާނެއެވެ.
މި އިސްލާހުގައިވާ ގޮތުން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ދެ ވަގުތުކޮޅު މުވައްޒަފަށް ދޭންޖެހޭނެއެވެ. މި ބަދަލަކީ މި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ނިންމުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެންޓި-ކެމްޕެއިން ނުކުރުމަށާއި އަބުރަށް އަރައިނުގަތުމަށް އީސީއިން އިލްތިމާސްކޮށްފި
3 ގަޑިއިރު ކުރިން

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު
5 ގަޑިއިރު ކުރިން

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް
5 ގަޑިއިރު ކުރިން

މުއިއްޒަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް: ރައީސް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)