logo

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް

profile

ޝަހްޒާ މުޙައްމަދު - 16 މާރިޗު 2026 - 17:25

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ގ. މާވަނި، ޙުސައިން ސަނީގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

"ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް އުފުލަންވަނީ ނިންމާފައެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ، އެންމެ ކުޑަމިނުން 44 އަހަރަށް ވުރެ ގިނަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ސަނީގެ މައްޗަށް އަންނާނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި ސަނީގެ މައްޗަށް ދައުވާ ކުރަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އާއި ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ތަފާތު ތިން ދައުވާއެއް ސަނީ އުމަރުގެ މައްޗަށް އުފުލާފައިވެއެވެ.

ފުރަތަމަ ދައުވާގައި ވަނީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރުވުމުގެ ކުރީން ފެށިގެން 2025 އޯގަސްޓު މަހާ ހަމައަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާކަމުގެދައުވާއެވެ. މި ކުށުގެ ތުހުމަތުގައި އޭނާގެ މައްޗަށް މި ދަޢުވާ އިތުރު ދެ ސަބަބަަކާ ހުރެ ކޮށްފައިވާ ކަމަށްވެއެވެ. އެއީ، ކުޑަ ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީއާއި، ކުޑަ ކުއްޖެއްގެ އުމުރުން 9 ނުވަތަ 10 އަހަރުގައި އެ ކުއްޖާގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީއެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރާ 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

މި ކުށްތައް ސާބިތުވެއްޖެ ނަމަ ކޮންމެ މައްސަލައެއްގައި 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސަނީގެ މައްޗަށް ކުރަނީ ސަނީގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ ފޯނު ގެއްލިފައިވާ ކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީއެވެ. މިއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ހުކުމެކެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރަނީ ސަނީ ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މިއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ހުކުމެކެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެ ހާލަތުގައި ސަނީގެ މައްޗަށް މަދުވެގެން 44އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ސަނީ އުމަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk